އަޒަރުބައިޖާން މެދުވެރިކޮށް އީރާނަށް 13 ޓަނުގެ އިންސާނީ އެހީގެ ސާމާނު މިހާރު ފޮނުވާފައިވާކަމަށް ރަޝިޔާގެ އިމަޖެންސީ ސިޗުއޭޝަންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޭހުގެ މައްޗަށް އެކުލެވޭ މި ޝިޕްމަންޓް އަޒަރުބައިޖާނަށް ފޮނުވާފައިވަނީ، އެ ގައުމު މެދުވެރިކޮށް އީރާނުގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުމަށްޓަކައެވެ. މި އެހީ ފޮނުވާފައިވަނީ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންގެ ސީދާ އަމުރުފުޅަކަށެވެ.
"އީރާން ސަރުކާރުގެ ކަމާބެހޭ މަންދޫބުންނާ ހަވާލުކުރުމަށްޓަކައި އަޒަރުބައިޖާނަށް މި ތަކެތި އުފުލުމުގެ އިންތިޒާމުތައް ހަމަޖެއްސީ މިނިސްޓްރީގެ އޭވިއޭޝަން ޔުނިޓުން،" ބަޔާނުގައި ބުނެފައިވެއެވެ.
މި ސަރަހައްދުގެ މަސްލަހަތު އިންތިހާއަށް ގޯސްވެފައިވަނީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ހިމެނޭހެން 1,300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
މި ހަމަލާތަކުގެ ރައްދުގައި ތެހެރާނުން ވަނީ އިސްރާއީލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!