އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި "އޮޕަރޭޝަން އެޕިކް ފިއުރީ" އަކީ ކާމިޔާބު އޮޕަރޭޝަނަކަށް ވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އުންމީދުތައް ފެއިލްވެ، އެމެރިކާ ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައިވާކަން ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިޔުއެސްސީ) އިން މިއަދު ޝާއިޢުކުރި ރިޕޯޓަކުން ހާމަވެއްޖެއެވެ.
މި ރިޕޯޓުގައިވާ ގޮތުން، ވައިޓް ހައުސްގެ އިސްތިރާޖީ އުންމީދުތަކާއި ޕެންޓަގަންގެ ފަންނީ އިންޒާރުތަކާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުއްޓެވެ. ޚާއްޞަކޮށް، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ވަނީ، އީރާނުގެ ފަސްގަނޑަށް ސީދާ ހަމަލާއެއް ދީފިނަމަ، ދުނިޔޭގެ ހަކަތައިގެ ބާޒާރު ބަންދުކޮށްލުމަށް އީރާނުން މަސައްކަތް ކުރާނެކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފައެވެ.
ކުށްހީތަކެއްގެ މައްޗަށް ބިނާވި ނިންމެވުންތައް
ޑަބްލިޔުއެސްޖީ އިން ހާމަކުރާ ގޮތުގައި ރައީސް ޓްރަމްޕްގެ ނިންމެވުންތައް ބިނާވެފައިވަނީ މައިގަނޑު ދެ އަސާސެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ، އީރާނުގެ އެންމެ އިސްވެރިޔާ އަލީ ޚާމަނާއީ ހިމެނޭހެން ލީޑަޝިޕްގެ މަތީ ފަޑީގެ ބޭފުޅުން ނައްތާލުމުން އެ ގައުމުގެ ނިޒާމު ރޫޅި، ރައްދުގައި ކުރާނެ ކަމެއް ނޭނގޭ ހާލަތަކަށް ތެހެރާން ދާނެ ކަމަށް ކުރެވުނު އުންމީދެވެ.
ދެވަނަ ކަމަކީ، އެމެރިކާގެ ފަންނީ ގާބިލުކަމަށް އޮތް ބޮޑު އިތުބާރެވެ. އީރާނުން ކަނޑުގެ މަގުތައް ބަންދުކުރަން އުޅުނަސް، 72 ގަޑިއިރު ތެރޭގައި އެ ސަރަހައްދު އަލުން ހުޅުވާލެވޭނެ ކަމަށް ވައިޓް ހައުސްއިން ގަބޫލުކުރިއެވެ.
ނަމަވެސް، 14 ދުވަސްވީ މި ހަނގުރާމައިގެ ހަގީގަތް މިހާރު ވަނީ މުޅިން ބަދަލުވެފައެވެ. ހަނގުރާމަ މިހާރު ވަނީ ހޯރްމޫޒް ކަނޑުއޮޅިއަށް އަމާޒުވެފައިވާ، "ވަރުބަލިކޮށްލުމުގެ ހަނގުރާމަ" އަކަށް ބަދަލުވެފައެވެ.
އިގްތިސާދީ އަދި އަސްކަރީ ގޮންޖެހުންތައް
އަމަލީ ގޮތުން ބަލާއިރު، އެމެރިކާއިން އީރާނުގެ 16 އުޅަނދަކަށް ހަމަލާދީފައި ވީނަމަވެސް، އީރާނުގެ "ސްވޯމް އެންޑް ސިންކް" އުކުޅުގެ ސަބަބުން ތެޔޮ އުފުލާ އުޅަނދުފަހަރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މާރިޗު 1 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ވިޔަފާރިކުރާ 20 އުޅަނދަކަށް ވަނީ ހަމަލާދީފައެވެ.
އީރާނުގެ އާ މަތީ ލީޑަރު މުޖްތަބާ ޚާމަނާއީ ވިދާޅުވެފައިވަނީ، ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލާނީ މުޅި ސަރަހައްދުން އެމެރިކާގެ ސިފައިން ބޭރުވުމުން ކަމަށެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް އަރާފައިވާއިރު، ޔޫރަޕާއި އޭޝިއާގެ ގައުމުތަކުން ދަނީ ހަމަލާތައް ހުއްޓާލުމަށް އެމެރިކާއަށް ބާރުފޯރުވަމުންނެވެ.
ސަލާމަތްވާނެ މަގެއް ނެތް ހާލަތެއްގައި
މި ހަނގުރާމައިން ސަލާމަތްވެ ނިކުންނާނެ ސާފު ރޭވުމެއް (exit strategy) ނެތުމަކީ ޓްރަމްޕްގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އީރާނުގެ ވެރިކަން ވައްޓާލުމަށް ކުރި އުންމީދު ފެއިލްވެ، މުޅި ސަރަހައްދަށް ފެތުރިފައިވާ ބޮޑު ހަމަނުޖެހުމަކަށް މިކަން ބަދަލުވެފައިވާއިރު، ޓްރަމްޕްގެ ބައެއް މުޝީރުން ވެސް މިހާރު ދަނީ މި ހަނގުރާމައިން ހާސިލުކުރަން ބޭނުންވާ "ކާމިޔާބީ" އަކީ ކޮބައިކަން ސާފުކޮށްދިނުމަށް އޭނާއަށް ގޮވާލަމުންނެވެ.
ޕެންޓަގަނުން މިހާރު ދަނީ ތެޔޮ އުފުލާ އުޅަނދުފަހަރަށް ހިމާޔަތް ދިނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންޓެލިޖެންސް ރިޕޯޓުތައް ބުނާގޮތުން، އެންމެ މިސައިލެއް އެ ހިމާޔަތް ފޫއަޅުވާލިޔަސް، އޭގެ ސަބަބުން އުފެދޭ ބިރުވެރިކަމުގެ ތެރޭގައި މުޅި މި ނިޒާމު ފެއިލްވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!