ހއ. ފިއްލަދޫގައި އައުޓްޑޯރ ޖިމެއް ޤާއިމުކުރުމަށް ޓަކައި، އެ އައުޓްޑޯރ ޖިމުގެ ސާމާނު ބެހެއްޓުމުގެ މަސައްކަތް
އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ.
ހއ. (ތިލަދުންމަތީ އުތުރުބުރީ) ފިއްލަދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ފިއްލަދޫ އައުޓްޑޯރ ޖިމެއް ޤާއިމުކުރުމަށް ޓަކައި، އައުޓްޑޯރ ޖިމުގެ ސާމާނު ބެހެއްޓުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ 05 މާރިޗް 2020 ވަނަ ދުވަހުގެ 13:00
އެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވަނީ 17 މާރިޗް 2020 ވަނަ ދުވަހުގެ 13:00 އެވެ. މައުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ބަލައިގަތުންވެސް އޮންނާނީ ފިއްލަދޫ ކައުންސިލް އިދާރާގައި ކަމަށް އެކައުންސިލްގެ ޢިއުލާންގައިވެއެވެ.
އެމަސައްކަތާއި ގުޅޭގޮތުން ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ފަލާޙް ވިދާޅުވީ، އެ ޖިމްގެ މަސައްކަތް އަވަސްކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށް އެކައުންސިލުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެޖިމްގެ މަސައްކަތް ފުރިހަމަ ކުރެވޭއިރު އެ ޖިމް ގާއިމުކުރާނީ އެކައުންސިލުން ބޭނުންވާ ފެންވަރަށްކަމަށާއި، އެ ފެންވަރަށް ގެންދިއުމަށް އިތުރު ޚަރަދު ހިނގާނަމަ އެކަންވެސް ކައުންސިލުން ހަމަޖައްސަވާނެކަމަށެވެ. އެޖިމް ނިމޭއިރު އެޖިމްގައި ކަސްރަތުކުރާނޭ 12 އާލާތެއް ހުންނާނެކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.
ކައުންސިލް ރައީސް ފަލާޙް އިތުރަށްވިދާޅުވީ ޓެކްނޮލޮޖީގެ ސަބަބުން މީހުން ކަންނެތް ކުރުވާފައިވާ މިޒަމާނުގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވެފައިވާތީ، ދުޅަހެޔޮ ސިއްޙަތެއްގައި ރައްޔިތުން ތިބުމަށް ހޭލުންތެރިކޮށް ރައްޔިތުންނަކީ ކަސްރަތުކުރުމަށް ލޯބި ކުރާ ބަޔަކަށް ވެގެންދާއިރު، އެ ދުޅަހެޔޮކަންމަތީ ތިބުމަށް ރަށުން ވަސީލަތްތައް ލިބޭގޮތްވުމީ ލިބޭ ވަރަށްބޮޑު އުފަލެއްކަމަށެވެ.
ފިއްލަދޫގައި އައުޓްޑޯ ޖިމެއް ގާއިމު ކުރުމަށް ހެލްތު މިނިސްޓްރީއިން، ޔޫތު މިނިސްޓްރީއާއި ހަވާލުކުރީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. އެޖިމަކީ ޑަބްލިއުއެޗްއޯގެ އެހީގައި ގާއިމުކުރެވޭ ޖިމެކެވެ.
ފިއްލަދޫ ހިމެނޭހެން ފަސް ރަށެއްގައި އައުޓްޑޯރ ޖިމް ހެދުމަށް ޔޫތު މިނިސްޓްރީއާއި ހަވާލުކުރި ރަސްމިއްޔާތަށްފަހު އެދުވަހު ހެލްތު މިނިސްޓްރީން ބުނީ، ދިވެހިރާއްޖެއަކީ ސިއްހީ ގޮތުން ދުޅަހެޔޮ އާބާދީއެއް އޮތް ގައުމަކަށް ހެދުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އިސްނަގައިގެން، ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން 2018 އިން ފެށިގެން "25އަށް25" ގެ ނަމުގައި ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުމަށް ކުރިޔަށްގެންދާ ކެމްޕެއިނަށް އެހީތެރިވުމުގެ ގޮތުންއައުޓްޑޯރ ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދަނީ ހަދިޔާ ކުރަމުން ކަމަށެވެ.
ޑަބްލިއުއެޗްއޯގެ އެހީގައި މިހާތަނަށް ރާއްޖޭގެ 10 ރަށެއްގައި އައުޓްޑޯރ ޖިމް ވަނީ ގާއިމު ކޮށް ނިފިފައިކަމަށާއި، އެފަސް ޖިމް ހެދުމަށް ނިންމާފައިވާ 5 ރަށުގައި ގާއިމްކުރެވޭ ޖިމް ތަކަށް ކަނޑައެޅިފައިވާ ސާމާނު ހެލްތު މިނިސްޓްރީއިން ޔޫތުމިނިސްޓްރީ އާއި ހަވާލުކުރުމުން، އެ އިންސްޓޯލްކުރުމާއި ޖިމްއާގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ އެމިނިސްޓްރީއާއި އެ ރަށެއްގެ ރަށު ކައުންސިލަކާއި ގުޅިގެން ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ އެދުވަހު ބުނެފަ އެވެ.
އޭގެ އިތުރުން، ރާއްޖޭގެ ކޮންކޮޅުތަކުގައި އައުޓްޑޯރ ޖިމް ގާއިމުގެ ކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށްދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ފަސޭހަކަމާއިއެކު ހެލިފެލިވެ ކަސްރަތުކުރުން އުޅެވޭނެ މާހުއުލެއްގައި އެފަދަ ވަސީލަތްތައްގާއިމު ކޮށްދިނުމާއެކުކުދި ބޮޑު އެންމެންނަށް ހެލިފެލިވެ ކަސްރަތު ކުރުމަށް ބާރުއެޅުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!