"ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިވާ ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުންތަކެއް އުފައްދައި، އެ ލިޔުންތައް ބޭނުންކުރި ކަމުގެ ތުހުމަތުގައި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއެކު ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 1 މާރިޗު 2026 ގައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، މި މައްސަލައަކީ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިނުވާ ބަޔަކު، ގޯތި ލިބިފައިވާކަމަށް ދެއްކުމަށްޓަކައި ޞައްޙަނޫން ލިޔެކިޔުންތަކެއް ތައްޔާރުކޮށް، އެ ލިޔުންތައް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލާގައި ދަޢުވާލިބޭ މީހުންގެ މައްޗަށް ތިން ބާވަތެއްގެ ދަޢުވާ އުފުލާފައިވެއެވެ.
ޞައްޙަނޫން ލިޔުން އުފެއްދުމުގެ ދަޢުވާ
ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ގ. ޕޫލްބަހާރުއާގެ އަޙްމަދު ޢަތީޤް ޢަބްދުﷲ އާއި ނ. ވެލިދޫ ޑޭޒީމާގެ އަޙްމަދު މާޒިންގެ މައްޗަށެވެ. އެ މީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން ބިން ދޫކުރުމުގެ މަސައްކަތުގައި އުޅެމުން، ބިމުގެ ހައްޤުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީ އާއި އެއްބަސްވުން އުފެއްދި ކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.
މީގެ އިތުރުން، މ. ފަޅުމަތީގެ އަރުޝަދު ޢަލީގެ މައްޗަށް ވަނީ ޞައްޙަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށް މި ދަޢުވާ ކުރަނީ އަޙްމަދު މާޒިންއާ ބައިވެރިވެގެން ސައްހަނޫން ރަޖިސްޓްރީ އާއި އެއްބަސްވުންތަކެއް އުފެއްދުމުގައި ބައިވެރިވެފައިވާތީއެވެ.
އެނގިހުރެ ޞައްޙަނޫން ލިޔުން ދިނުމުގެ ދަޢުވާ
މި މައްސަލާގައި އެންމެ ގިނަ މީހުންގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ އުފުލާފައިވާ މީހުންގެ ތެރޭގައި މުޙައްމަދު ފަޟީލް ރަޝީދު، މަރްޔަމް ސާޢީ، އީމާ ވަހީދު، ޢާއިޝަތު މަޢުރޫފާ، މުޙައްމަދު އާދަމް، ޢަބްދުލްމަޖީދު މާހިރު، ޙުސައިން ޒާހިރު ޒައިނު، އަޝްހަދު ޢަލީ އަދި އަޙްމަދު ޢަލީ ހިމެނެއެވެ.
މި ފަރާތްތަކުން ވަނީ ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދައްކައި، އެ ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދަ ހޯދުމަށްޓަކައި ސައްޙަނޫން އެއްބަސްވުމާއި ރަޖިސްޓްރީ އެޗްޑީސީއަށް ހުށަހަޅާފައެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނި ގޮތުގައި ބިންވެރިޔާ ސްކީމާ ގުޅޭ މި މައްސަލާގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭތީ، އެ ބައިތައް ވަކި މައްސަލައެއްގެ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަޙުޤީޤު ކުރަމުންނެވެ. އެ ތަޙުޤީޤު ނިމުމުން، ކޮރަޕްޝަންގެ ބައިގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް އެ އޮފީހުން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!