މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ނުރައްކާތެރި ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އެކި ދަތިތައް ދެނެގަނެ، އެކަންކަމަށް ގުޅިގެން ފިޔަވަޅު އެޅުން ކަމަށެވެ.

Ad
rt

މި ޚާއްޞަ ކޮމިޓީގެ މުޤައްރިރަކަށް ހަމަޖައްސަވާފައިވަނީ ފޮރިން މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ. މި ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ:

  • މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ޣައްސާން މައުމޫން
  • މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު
  • މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު
  • މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީން
  • މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން
  • މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤު އިބްރާހީމް
  • މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
  • މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ސްޕޯކްސްޕަރސަން ހީނާ އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ ޙާލަތާ ގުޅިގެން ކަމާބެހޭ ވުޒާރާތަކުން އެންމެ ފަހުގެ މަޢުލޫމާތުތައް ރައްޔިތުންނާ ޙިއްޞާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އިސްރާއީލުން ފަލަސްޠީނާއި ލުބުނާނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ މަސްރަޙު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށާއި، ދަތުރުފަތުރަށް އަދި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާތީ، ދިވެހި ސަރުކާރުން މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މި ކޮމިޓީ މެދުވެރިކޮށް މަސައްކަތް ފަށާފައެވެ.