އިނގިރޭސިވިލާތުގައި އަންނަ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް އެ ގައުމުގެ 1،000 އަށްވުރެ ގިނަ ކައުންސިލަރުން ޚާއްސަ އިގުރާރެއްގައި ސޮއިކޮށްފިއެވެ.
"ޕަލަސްޓައިން ސޮލިޑަރިޓީ ކެމްޕޭން" އިން މިދިޔަ ޑިސެމްބަރު މަހު ފެށި މި ހަރަކާތަކީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ އަމަލުތަކާއި އެޕާތައިޑް ނިޒާމާ ދެކޮޅަށް ތެދުވުމަށް ސިޔާސީ ބޭފުޅުންނަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުގެ ކައުންސިލްތަކުން އިސްރާއީލުގެ މި ޖަރީމާތަކަށް އެއްވެސް ސިފައެއްގައި އެހީތެރިނުވާކަން ކަށަވަރުކުރުން ވެސް މި އިގުރާރުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް މަގާމުގައި ތިއްބެވި 1،152 ކައުންސިލަރުން ވަނީ މި އިގުރާރުގައި ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި ގްރީން ޕާޓީގެ 387 ކައުންސިލަރުންނާއި، ލޭބަރ ޕާޓީގެ 375 ކައުންސިލަރުންގެ އިތުރުން ލިބަރަލް ޑިމޮކްރެޓްސްގެ 115 ކައުންސިލަރުން ހިމެނެއެވެ.
މީގެ އިތުރުން ކޮންޒަވޭޓިވް ޕާޓީގެ ފަސް ކައުންސިލަރުންނާއި، ސްކޮޓިޝް ނޭޝަނަލް ޕާޓީ، ޕްލެއިޑް ކަމްރީ، އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ގިނަ އަދަދެއްގެ މެންބަރުން ވެސް ވަނީ މީގައި ބައިވެރިވެފައެވެ. ނަމަވެސް ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ "ރިފޯމް ޔޫކޭ" ޕާޓީގެ އެއްވެސް މެންބަރަކު މިހާތަނަށް މީގައި ސޮއިކޮށްފައެއް ނުވެއެވެ.
އަންނަ މާރިޗު މަހު ހުރިހާ ކެންޑިޑޭޓުންނަށް ހުޅުވާލާ މި ހަރަކާތަކީ "ވޯޓް ޕަލަސްޓައިން" ކެމްޕޭނުގެ ދަށުން ކުރިއަށްދާ ކަމެކެވެ. މި ހަރަކާތުގެ މައިގަނޑު އަމާޒަކީ އިސްރާއީލު ބޮއިކޮޓް ކުރުމާއި، އެ ގައުމުގެ އުފެއްދުންތަކަށް އިންވެސްޓް ނުކުރުމަށް ބާރުއެޅުމެވެ. ވަކިން ޚާއްސަކޮށް، ކައުންސިލްތަކުގެ ބެލުމުގެ ދަށުން ހިންގާ ޕެންޝަން ފަންޑުތަކުން އިސްރާއީލުގެ ހަތިޔާރު އުފައްދާ ކުންފުނިތަކަށް ކުރާ އިންވެސްޓްމަންޓްތައް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިނގިރޭސިވިލާތުގެ ކައުންސިލްތަކުން ހިންގާ ލޯކަލް ގަވަރްމަންޓް ޕެންޝަން ސްކީމްތަކުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވާ ކުންފުނިތަކުގައި 12.2 ބިލިއަން ޕައުންޑަށްވުރެ ގިނަ ފައިސާ ވަނީ އިންވެސްޓްކޮށްފައެވެ. މިހާތަނަށް 31 ކައުންސިލަކުން ވަނީ މިފަދަ އިންވެސްޓްމަންޓްތައް ހުއްޓާލުމަށް ތާއީދުކޮށް ބަޔާންތައް ނެރެފައެވެ.
ލޭބަރ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބިން ވެސް ވަނީ މި ހަރަކާތަށް ތާއީދުކުރައްވާފައެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި ފަލަސްތީނުގެ މައްސަލައަކީ ދޫދެވޭނެ ކަމަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ވޯޓު ދޭންވާނީ ހަމައެކަނި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ކެންޑިޑޭޓުންނަށް ކަމަށް އޭނާ ގޮވާލެއްވިއެވެ.
މި ކެމްޕޭން ކުރިއަށްދާއިރު، ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓް ގްރޫޕެއް ކަމަށްވާ "ޕަލަސްޓައިން އެކްޝަން" އާ ގުޅޭ ގާނޫނީ މައްސަލަތަކެއް ވެސް ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭން ބޭނުންކުރާ އަސްކަރީ މަރުކަޒަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ޖަލަށްލާފައިވާ އަމޫ ގިބް، ޖަލުގައި ހުރެގެން ކައުންސިލް އިންތިޚާބުގައި ވާދަކުރާ މައްސަލަ ހިމެނެއެވެ. އޭނާ އިންތިޚާބު ކާމިޔާބުކޮށްފިނަމަ، ވެގެންދާނީ 1981 ވަނަ އަހަރަށްފަހު އިނގިރޭސިވިލާތުގައި ޖަލުގައި ހުރެ އިންތިޚާބު ކާމިޔާބުކުރި ފުރަތަމަ މީހާއަށެވެ.
ޕަލަސްޓައިން ސޮލިޑަރިޓީ ކެމްޕޭނުގެ އިންތިޒާމުވެރިއެއް ކަމަށްވާ ޑޭން އިލީ-ވިލިއަމްސަން ބުނި ގޮތުގައި، ފަލަސްތީނުގެ ހައްގުގައި ކުރިއަށްދާ މި ބޮޑު ހަރަކާތަކީ ހުއްޓޭނެ ކަމެއް ނޫނެވެ. އަދި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އޮތް މެސެޖަކީ، ރައްޔިތުންގެ ވޯޓު ބޭނުންނަމަ ފަލަސްތީނުގެ ހައްގުގައި ތެދުވާންޖެހޭނެ ކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!