އިންޑިއާ އޮތީ "ފުރިހަމަ އިތުބާރާއި ޔަޤީންކަމާއެކު" ސާބިތުކަމާއެކު އިޒްރޭލާ އެކުގައި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވީ އިޒްރޭލަށް ކުރައްވަމުންދާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް (ކްނެސެޓް) ގައި ބުދަ ދުވަހު ތަޤުރީރު ކުރައްވަމުންނެވެ.

Ad
rt

މި ތަޤުރީރުގައި މޯދީ ވިދާޅުވީ، އޮކްޓޫބަރު 7 ގައި ހަމާސްއިން ދިން ހަމަލާގައި ފުރާނަ ގެއްލުނު ކޮންމެ މީހަކަށާއި، ދިރިއުޅުން ބަރުބާދުވެގެންދިޔަ ކޮންމެ އާއިލާއަކަށް އިންޑިއާގެ ރައްޔިތުންގެ ފަރާތުން އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރާ ކަމަށެވެ.

"އަހަރެމެން ތިޔަބޭފުޅުންގެ ތަދާއި ހިތާމައިގައި ބައިވެރިވަމު. މި ދަނޑިވަޅުގައާއި މުސްތަޤުބަލުގައިވެސް އިންޑިއާ އޮންނާނީ ފުރިހަމަ ޔަޤީންކަމާއެކު އިޒްރޭލުގެ ފަހަތުގައި،" މޯދީ ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ގައި ހަމާސް އާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން އިޒްރޭލަށް ދިން ހަމަލާތަކުގައި 1,200 އެއްހާ މީހުން މަރުވެ، 251 މީހުން ގެންދިޔައެވެ. މީގެ ރައްދުގައިކަމަށް ބުނެ އިޒްރޭލުން ގާޒާގައި ފެށި އަސްކަރީ އޮޕަރޭޝަނަށް މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ގާޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދީ އިޒްރޭލުގެ މީޑިއާތަކުން ބުނާގޮތުގައި މި ހަނގުރާމައިގައި 70,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. ނަމަވެސް، ކްނެސެޓްގައި ދެއްވި ތަޤުރީރުގައި ފަލަސްތީނުގެ ރައްޔިތުންގެ ފުރާނަ ގެއްލެމުންދާ ދިއުމާ ބެހޭގޮތުން މޯދީ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އދ. ގެ ހާއްސަ ކޮމިޓީއަކުންނާއި، ތަޙުޤީޤީ ކޮމިޝަނަކުން އަދި ބައިނަލްއަޤުވާމީ އިލްމީ މާހިރުން ވަނީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކަކީ "ނަސްލު ނައްތާލުން" (ޖެނޮސައިޑް) ކަމަށް ސިފަކޮށްފައެވެ. އެހެންނަމަވެސް އިޒްރޭލުން މި ތުހުމަތުތައް ދޮގުކުރެއެވެ.

މީގެ އިތުރުން މޯދީ ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅިގެން ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ސަރަހައްދީ ހަމަޖެހުމާއި ދާއިމީ ސުލްހައަށް ކުރެވޭ ހުރިހާ މަސައްކަތަކަށް އިންޑިއާއިން ތާއީދުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ ތެރޭގައި އަރަބި ޤައުމުތަކާއެކު އިޒްރޭލުން ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތަކަށާއި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާޒާ ސުލްހައިގެ ރޭވުމަށްވެސް މޯދީ ތާއީދުކުރެއްވިއެވެ.

އިންޑިއާއަކީ އިޒްރޭލުގެ އެންމެ ގާތް އެކުވެރި އެއް ޤައުމެވެ. މި ދެ ޤައުމަކީވެސް މުސްލިމް އަޣުލަބިއްޔަތު އޮންނަ، އަދި ނުތަނަވަސް ގުޅުންތަކެއް އޮންނަ އަވަށްޓެރި ޤައުމުތަކަކާ ސަރަހައްދީ ރޮނގު ހިއްސާކުރާ ދެ ޤައުމެވެ. މިސާލަކަށް، އިންޑިއާގެ އަވަށްޓެރިއަކީ ޒަމާންވީ ހަސަދަވެރި ޕާކިސްތާނެވެ. އިޒްރޭލުގެ އަވަށްޓެރިންގެ ތެރޭގައި ހިމެނޭ ސޫރިޔާ އަދި ލުބުނާނަކީ އެ ޤައުމާއެކު ސިޔާސީ އެއްވެސް ގުޅުމެއް އޮންނަ ދެ ޤައުމެއް ނޫނެވެ.

ބުދަ ދުވަހުގެ ކުރީކޮޅު މޯދީ ތެލް އަވީވަށް ވަޑައިގަތުމުން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ އަނބިކަނބަލުން ސާރާ ވަނީ މޯދީއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ނަތަންޔާހޫ ވަނީ މޯދީއަކީ އޭނާގެ "ބޭބެ" އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.