ޕްރެޒިޑެންޓްސް ކަޕް 2026 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހއ. ދިއްދޫ އަށް ނިސްބަތް އުމުރުން 18 އަހަރުގެ އަހްޒަމް ރަޝީދު (އަހު) ހޯދައިފިއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އޭނާ ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

Ad
rt

ޒުވާން މިޑްފީލްޑަރުގެ މި ކާމިޔާބީއާއި ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ ޕްރެޒިޑެންޓްސް ކަޕް 2026 ގެ އެންމެ އުުންމީދީ ކުޅުންތެރިޔާގެ ގޮތުގައި ފާހަގަވެގެންދިޔައީ އުމުރުން އެންމެ 18 އަހަރުގެ އަހްޒަމް ރަޝީދުކަން ފާހަގަކޮށްފައެވެ.

''އޭނާ ވަނީ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން، ޗެމްޕިއަން ޓީމުގެ މުހިންމު ހިއްސާދާރެއްގެ ގޮތުގައި ތަށި އުފުލާލާފައި'' އެފްއޭއެމުން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ދިއްދޫގެ ޒުވާން ކުޅުންތެރިޔާ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޮޑިން ޗެމްޕިއަންކަން ހޯދި މި މުބާރާތުގެ ފައިނަލްގައި ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ އޮޑީގެ ވައިސް ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މީގެ އިތުރުން މި މެޗުގައި މާޒިޔާ އަށް ކުޅުނު ހއ. އުތީމަށް ނިސްބަތްވާ މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ) ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައިކަން ފާހަގަކޮށްލެވެއެވެ.

ޕްރެޒިޑެންޓްސް ކަޕް 2026 ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އޮޑި ސްޕޯޓްސް ކްލަބުން ރޭ ހޯދީ ފުރިހަމަ ވަގުތުގައި 1-1 އިން ނަތީޖާ އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓް 5-4 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށްގެންނެވެ.