އިޢާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 އިންސައްތައަށް މަތިކުރުމުގެ ލަނޑުދަނޑި ޙާޞިލްކޮށް، ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނަސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހަކަތައިގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.
މި މެސެޖުގައި ރައީސް ވަނީ ތިމާވެށި ޙިމާޔަތްކުރުމާއި ހަކަތައިގެ ދާއިރާއިން ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ހާމަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރީތި ތިމާވެށި ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނީ އިޢާދަކުރުވަނިވި ސާފު ހަކަތަ ބޭނުންކުރުން އިތުރުކޮށްގެން ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރަކީ ރާއްޖޭގެ ތާރީޚުގައި މި ރޮނގުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލްކުރި ދެ އަހަރުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ މި 5 އަހަރުގެ ތެރޭ، އިޢާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު %33 އަށް މަތިކުރުމުގެ ލަނޑުދަނޑި ޙާޞިލްކޮށް، ޤައުމުގެ އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނަސްދޭނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ސަރުކާރުގެ މި އަމާޒަކީ ރާއްޖެއިން ތެލަށް ކުރާ ހޭދަ ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދުވެއްޔަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ދުނިޔޭގެ ހަކަތައިގެ ދުވަސް (ވޯލްޑް އެނާޖީ ޑޭ) ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި ދުވަހުގެ މައިގަނޑު މަޤްޞަދަކީ ވެއްޓަށް ގެއްލުން ކުޑަ، ދެމެހެއްޓެނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމަށް ބާރުއެޅުމާއި، ހަކަތަ ރައްކާތެރިކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!