ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބާއްވާ ކުޑަކުދިންގެ ފުޓްސަލް މުބާރާތް "ހޮލިޑޭ ކަޕް 2026" ގެ ތައްޔާރީތައް ބާރަށް ކުރިއަށްދާއިރު، މިދިޔަ އަހަރަށްވުރެ މިއަހަރުގެ ތަރުހީބު ބޮޑުވެ، މުބާރާތުގެ ފޯރި ގަދަވެއްޖެއެވެ.
ގްރޭޓަރ މާލޭ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 11 އަދި 18 ވަނަ ދުވަހު ހުޅުމާލޭ ތްރީޓޮޕް ފުޓްސަލް ދަނޑުގައެވެ.
މުބާރާތުގެ މެނޭޖަރ އަދި ކުލަބުގެ ހިނގާ ކޮމިޓީގެ ލަފާދޭ މެމްބަރ އަހުމަދު ޝަކީބު ބުނީ، މިދިޔަ އަހަރު 27 ކުޅުންތެރިންނާއެކު 4 ޓީމު ބައިވެރިވި ނަމަވެސް، މިއަހަރު ޖުމްލަ 63 ކުޅުންތެރިންނާއެކު 7 ޓީމު މުބާރާތުގައި ވާދަކުރާނެ ކަމަށެވެ. މިއީ މުބާރާތަށް އޮތް ތަރުހީބު ބޮޑުވަމުން އަންނަކަމުގެ ހެއްކެއްކަން އޭނާ ފާހަގަކުރިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ނައިވާދޫއިން ފުޓްސަލްގެ މުޅިން އާ ހުނަރުވެރި ޖީލެއް ތައްޔާރުކުރުން. އަދި މި މުބާރާތުން ހޮވާލެވޭ 18 އަހަރުން ދަށުގެ ސްކޮޑެއް، ކޯޗު ނާއްޓޭގެ އިރުޝާދުގެ ދަށުން މާލޭ ސަރަހައްދުގައި ބާއްވާ ބޮޑެތި މުބާރާތްތަކަށް ނެރުމަކީވެސް އަޅުގަނޑުމެންގެ ބޮޑު އަމާޒެއް،" ޝަކީބު ބުންޏެވެ.
މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 11 އަހަރުން ދަށުގެ 3 ޓީމާއި، 12 އަހަރާއި 17 އަހަރާ ދެމެދުގެ 4 ޓީމެވެ. މި ބަދަލު ގެނައީ ގިނަ ބައެއްގެ ލަފާގެ މަތިން، ކުދިންނަށް ވާދަވެރި މާހައުލެއް ހޯދައިދިނުމަށެވެ.
މުބާރާތުގެ ތައްޔާރީތަކުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަމުން ޝަކީބު ބުނީ، އެންމެ ބޮޑު ދަތިކަމަކީ ޓީމުތަކުގެ ފަރިތަކުރުންތަކަށް ދަނޑެއް ލިބުމުގައި ހުރި ދަތިތައް ކަމަށެވެ. އެހެންނަމަވެސް، "ޓީމް ނައިވާދޫ" އަދި ވަކިން ހާއްސަކޮށް "ޑިކްސީ ޓީމުން" ލިބޭ ޓެކްނިކަލް އެހީތެރިކަން އޭނާ ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.
ކުޑަކުދިންގެ މުބާރާތަކަށް ވުމާއެކު ހަރަދުތައް ބޮޑުވުމުން، ކުލަބުން މިހާރު ވަނީ ސްޕޮންސަރޝިޕްގެ ފުރުސަތު ވެސް ހުޅުވާލާފައެވެ. އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށް ކުލަބުން އެދެއެވެ.
* އެކައުންޓް ނަން: Naivaadhoo Trainers Sports Club
* އެކައުންޓް ނަންބަރު: 7730000401181
* ވައިބަރ ސްލިޕް: 9955069
ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކުލަބުގެ އުންމީދަކީ މި މުބާރާތް ކޮންމެ އަހަރަކުވެސް ބާއްވައި، ރަށުގެ ފުޓްސަލް ކުރިއަރުވައި، މުސްތަގުބަލަށް މޮޅު ކުޅުންތެރިންތަކެއް އުފެއްދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!