ޖަރުމަނުވިލާތުގެ ފްރޭންކްފާޓް ސިޓީގައި 2026 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، އެ ސިޓީގެ މަގުތައް ރަމަޟާން މަހުގެ ޚާއްޞަ ބައްތިތަކުން ވަނީ ދިއްލާލައިފައެވެ.
މިއީ އެ ސިޓީގައި އޮތް އެކުވެރިކަމާއި، ތަފާތު ސަގާފަތްތަކަށް އިހުތިރާމްކުރުން ދައްކުވައިދޭ ނަމޫނާ ހަރަކާތެކެވެ.
މިގޮތަށް މަގުތައް ޒީނަތްތެރިކުރާތާ މިއީ ވިދިވިދިގެން ތިންވަނަ އަހަރެވެ. މި ބައްތިތައް ހަރުކޮށްފައިވަނީ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ފުރިފައިވާ، އާންމުންގެ މެދުގައި މަގުބޫލު 'ގްރޯސޭ ބޮކެންހައިމާ ސްޓްރާސޭ' މަގުގައެވެ.
ޖަރުމަނުވިލާތުގެ ފްރޭންކްފާޓް ސިޓީގެ މަގެއް ރޯދަ މަހަށް ދިއްލާލާފައި،
މި ޒީނަތްތެރިކުރުމުގައި ބޭނުންކޮށްފައިވަނީ ރީތި ހަނދުފަޅިތަކާއި، ތަރިތަކާއި، ސަގާފީ ފާނޫޒުތަކުގެ އިތުރުން "ހެޕީ ރަމަޟާން" ލިޔެފައިވާ ފާހަގަކޮށްލެވޭ ބޯޑުތަކެވެ.
މި ބައްތިތައް ދިއްލުމުގެ ރަސްމިއްޔާތުގައި ފްރޭންކްފާޓްގެ މޭޔަރު ނަރުގޭސް އެސްކަންދަރީ-ގްރުންބާގް އާއި މުސްލިމް މުޖުތަމައުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގަތެވެ. މިއީ ޖަރުމަނުގެ މުޖުތަމައުގައި ހިމެނޭ ތަފާތު އާބާދީތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ދެވޭ މުހިންމު ސަމާލުކަމެއްގެ ރަމްޒެކެވެ.
View this post on Instagram
A post shared by Mohammed yasar ullah shakeel (@mohammedyasarullahshakeel)
މިއީ ސަގާފީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ވަރަށް ފުރިހަމަ މަންޒަރެކެވެ. މިކަމުގެ ސަބަބުން އެ ސިޓީގެ ރަށްވެހިންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ރޯދަމަހުގެ ރޫހާއި، އަޅުކަމުގެ މުހިންމުކަމާއި، މުޖުތަމައުގެ އެކުވެރިކަން އިހުސާސްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
ބައެއް ބޮޑެތި މުސްލިމް މެޖޯރިޓީ ނޫން ގައުމުތަކުގައި އުޅޭ މުސްލިމް ޖަމާއަތްތަކުގެ އިސް ނެގުމާއެކު ޖަރުމަނުވިލާތުގެ ފްރޭންކްފާޓްގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ބެލްޖިއަމްގެ ގޭންޓް އާއި، ނޯވޭގެ އޮސްލޯ އާއި، ކެނެޑާގެ ޓޮރޮނޯޓާއާއި އަދި ނެދަލެންޑްސްގެ އުޓްރެކްޓް ވެސް ވަނީ ރޯދަމަހަށް މަރުޙަބާގެ މެސެޖުތަކުން ދިއްލާލައިފައެވެ.
މި ބަރަކާތްތެރި ރަމަޟާން މަހަކީ އަމާންކަމާއި ބަރަކާތްތެރި މަހެއް ކަމުގައި ލައްވާށިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!