ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ވޭތުވެދިޔަ 8 މުބާރާތުގައިވެސް ނައިވާދޫ ޓީމަށް ކެނޑިނޭޅި ސަޕޯޓްކުރަމުން އަންނަ ކުޅުދުއްފުށި ސިޓީއަށް އުފަން އަބްދުﷲ މުޙައްމަދުގެ އިޚުލާޞްތެރި ސަޕޯޓުގެ އަގު، ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުން މިއަދު ވަޒަންކޮށްފިއެވެ.
ޢަބުދުﷲގެ އަގުވަޒަން ކުރަމުން ނައިވާދޫ ޓްރެއިނާސް އިން ބުނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނައިވާދޫ ޓީމުން ހޯދަމުންދާ ކާމިޔާބީތަކުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ބާރަކީ އެ ޓީމުގެ ސަޕޯޓަރުންކަމަށެވެ.
އަބްދުﷲ މުޙައްމަދަކީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ ފަރާތަކަށް ވީނަމަވެސް، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އޭނާގެ "ފުރަތަމަ ޓީމް" އަކީ އަބަދުވެސް "ޓީމް ނައިވާދޫ" އެވެ. އޭނާ ބުނާގޮތުން ނައިވާދޫ ޓީމަށް ސަޕޯޓްކުރަން ފެށީ ރާއްޖޭގެ ފުޓްސަލްގެ މަޝްހޫރު ތަރިން ކަމަށްވާ އަހުމަދު ހަމީދު (އައްމަޑޭ)، އަބްދުﷲ ސާފިއު (ސާއްޕެ) އަދި ޔާމީން މުހައްމަދު (ޔާންޓޭ) ފަދަ އޭނާގެ އެންމެ ފޭވަރައިޓް ކުޅުންތެރިން އެ ޓީމުގައި ތިބުމުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ވަނަ އަހަރުގެ މުބާރާތަށް ނައިވާދޫ ޓީމު ތައްޔާރު ވަމުންދިޔައިރު، އަބްދުﷲ ހުރީ އަމިއްލަ ޚަރަދުގައި އޭނާގެ ފޭވަރައިޓް ކުޅުންތެރިންގެ މެޗު ޖާރޒީ ހެދުމުގެ ވަރުގަދަ އަޒުމެއްގައެވެ. ނަމަވެސް، ޓީމުގެ މެނޭޖުމަންޓުން މެޗު ޖާރޒީ ހެދުމުގެ ފުރުސަތު ސަޕޯޓަރުންނަށް ބަންދުކުރުމުން އޭނާ ވަރަށް ބޮޑަށް މާޔޫސްވިއެވެ. އެހެންނަމަވެސް، އަބްދުﷲގެ މި އެދުމުގެ މުހިންމުކަން ދެނެގަނެ، ކުލަބުގެ ރައީސް ސިމްހާޒް ހަމީދު ވަނީ އޭނާގެ އުންމީދުތަކުގައި ކުލަޖައްސަވައިދެއްވާފައެވެ.
މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، 2026 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފަޚުރުވެރި ރަންވަނަ ނައިވާދޫއަށް ހޯދައިދިން ފައިނަލް މެޗުގައި އައްމަޑޭ އަދި ސާއްޕެ ބޭނުންކުރި ޖާރޒީތައް ވަނީ އަބްދުﷲއާ ހަވާލުކޮށްފައެވެ. މި ޖާރޒީތަކުގައި އެ ކުޅުންތެރިންގެ ސޮއިވެސް ވަނީ ހިމަނާފައެވެ.
"މި ޖާރޒީތަކަކީ ބޮޑު ތިލަދުންމަތީގެ ފުޓްސަލް ތާރީޚުގެ މުހިންމު ހަނދާނެއް. އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގެ ސަރަހައްދަކުން މި ތާރީޚީ ހަނދާންތައް ފެނިގެންދާނެ،" އުފަލުން ހުރެ އަބްދުﷲ ބުންޏެވެ.
ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުން ބުނީ، މިފަދަ ވަފާތެރި ސަޕޯޓަރުންގެ އަގުވަޒަންކުރުމަކީ ކުލަބަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ތަށި ގެނެސްދިން ޓީމަށް ނައިވާދޫ ރައްޔިތުންގެ ލޯބި ބަންޑުންކޮށްލައިފި
މިއަހަރުގެ ގޯލްޑަން ފުޓްސަލް ތައްޓާއެކު މިއަހަރު ނައިވާދޫ ވަނީ ތިން ތަށި ހޯދާފައެވެ. އަނެއް ދެ ތައްޓަކީ ހދ. އަތޮޅު ތައްޓާއި، ޒޯން 1 ގެ ތައްޓެވެ.
ނައިވާދޫ ވަނީ މިއަހަރުގެ ކާމިޔާބީއާއެކު ގޯލްޑަން ފުޓްސަލް މުބާރާތުގެ ތަށި 1 ފަހަރު، އަދި މި މުބާރާތުގައި ޒޯން 1ގެ ޗެމްޕިއަންކަން ޖުމްލަ ހަތަރު ފަހަރު ހޯދާފައެވެ. އެއީ 2026 ވަނަ އަހަރުގެ އިތުރުން 2025، 2023 އަދި 2018 ވަނަ އަހަރު އެވެ.
ނައިވާދޫ ވަނީ މި މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!