ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި އުފުލާލި ހދ. ނައިވާދޫގެ ޓީމު އިއްޔެ އެރަށަށް ދިޔުމުން ރައްޔިތުންގެ ލޯބި ޓީމަށް ބަންޑުންކޮށްލައިފިއެވެ.
އެއް ފްލައިޓަކުން ޓީމަށް ޖާގަ ނުލިބުމުން އިއްޔެ ޓީމު ދަތުރުކުރީ ދެ ފްލައިޓަކުންނެވެ. އެއީ ހަނިމާދޫ މަގުންނާއި ކުޅުދުއްފުށީ ސިޓީ މަގުންނެވެ. މެންދުރެއްހާއިރު ފުރަތަމަ ފްލައިޓްގައި ޓީމު ދަތުރުކުރި ކުޅުންތެރިން ތަށި ހިފައިގެން ދިޔައީ ފިނެއަށެވެ. ދެވަނަ ފްލައިޓްގައި އައި ކުޅުންތެރިން ވެސް ފިނޭން ވަނީ ޓީމާއި ގުޅިފައެވެ. ޓީމު ނައިވާދޫ އަށް ދާން އޮތީ ހަވީރު 16:15 އަށްކަމުން ރަށަށް ފުރަންދެން ޓީމާއި އޮފިޝަލުން މަޑުކޮށްގެން ތިބީ ފިނޭގައެވެ.
ޓީމު ނައިވާދޫ އަށް ދިޔުމަށް ދަތުރުކުރި ލޯންޗު ދަތުރުކުރަމުން ދިޔައިރު ގައުމީ ދިދަޔާއި ޓީމު ނައިވާދޫގެ ދިދަ ނަގާފައި ނައިވާދޫގެ ޑިންގީތައް ލޯންޗްގެ ދެ ފަރާތުގައި ތިބެގެން ދިޔައީ ދަތުރުކުރަމުންނެވެ.
ނައިވާދޫ ޓީމު ރަށަށް ދަތުރުކުރަނީ، ފޮޓޯ: ނައިވާދޫގެ ފޮޓޯ ގްރާފަރެއް
ޓީމު ނައިވާދޫ އަށް ލެފިއިރު ރަށުގެ މުޅި ބަނދަރު އޮތީ ގައުމީ ދިދައިން ޖަރީކޮށްފައެވެ. އެއި ރަށުގެ ކުދިބޮޑު އެންމެން ޓީމަށް މަރުހަބާ ކިޔަން ނުކުމެ ތިއްބެވެ. ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ޓީމަށް މަރުޙަބާ ކިޔުމަށް ކުރީ ސަފުގައި ތިބި ރަށުގެ ކުޑަކުދިން ވެސް ތިބީ ގައުމީ ހެދުމުގައެވެ. ޓީމަށް މަރުހަބާ އާއި ސާބަހުގެ ލަވައިން މުޅި ނައިވާދޫ ބަނދަރު ގުގުމަމުން ދިޔައިރު ނަައިވާދޫ އިން ޓީމަށް މަރުހަބާކީ ގައުމީ ވިންދުގައި ގައުމީ ޖޯޝްގައެވެ. އަދި މުޅި ނައިވާދޫގެ ލޯބި ޓީމަށް ބަންޑުންކޮށްލި މަންޒަރު ފެނިގެން ދިޔައެވެ.
ނައިވާދޫ ޓީމު އައްމަޑޭ ތަށި ހިފައިގެން ލޯންޗުން ރަށަށް ފައިބަނީ، ފޮޓޯ: ނައިވާދޫގެ ފޮޓޯ ގްރާފަރެއް
ބަނދަރުމަތިން ޓީމަށް މަރުޙަބާ ކިޔުމަށްފަހު ޓީމަށް މަރުޙަބާ ކިޔުމުގެ ރަސްމީ ހަރަކާތް ކުރިއަށް ގެންދިޔައީ އެރަށުގެ ފުޓްސަލް ދަނޑުގައެވެ. މި ހަރަކާތުގައި ޓީމުގެ ކޮންމެ ކުޅުންތެރިއަކާއި އޮފިޝަލެއްގެ ބޮލުގައި ރަން ކުލައިގެ ތާޖެއް ވަނީ އަޅުވާފައެވެ. މި ތާޖު އަޅުވައި ދިނީ ކޮންމެ ކުޅުންތެރިއެއް އަދި އޮފިޝަލެއްގެ މަންމަ، ބައްޕަ ނޫނީ ޢާއިލާގެ މެމްބަރެއްގެ އަތުންނެވެ.
ނައިވާދޫ ޓީމު ރަށުގައި، ޓީމަށް ވަނީ ރައްޔިތުންގެ ލޯބި ބަންޑުންކޮށްލާފައި، ފޮޓޯ: ނައިވާދޫގެ ފޮޓޯ ގްރާފަރެއް
މި ރަސްމިއްޔާތުގައި ނައިވާދޫ ކައުންސިލްގެ ރައީސް ޢަލީ ރަޝީދު ޓީމަށް ހިތްވަރުދެއްވައި ވާހަކަ ދައްކާފައިވާއިރު ރައްޔިތުން ޓީމަށް އެހީވީ ޚިދުމަތެއްގެ ގޮތުގައި ބަލައިގެންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ފުރުސަތު ލިބިއްޖެނަމަ އަންނަ އަހަރު މި އެހީ އިތުރުކުރަށްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ނައިވާދޫ ޓީމަށް ރަށުން ހޫނު މަރުހަބާއެއް ކިޔަނީ، ފޮޓޯ: ނައިވާދޫގެ ފޮޓޯ ގްރާފަރެއް
މި ރަސްމިއްޔާތުގައި ޓީމުގެ ފަރާތުން މުހައްމަދު އަސްލަމް (މޯންޑޭ) ވާހަކަދައްކާފައިވާއިރު އެ ކާމިޔާބީގައި ނައިވާދޫ ރައްޔިތުންގެ ދައުރު ފާހަގަކޮށް، ދިން ހިތްވަރާއި ބޮޑު ތަރުޙީބަށް ވަނީ ޓީމުގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ.
ރާއްޖޭގެ ފުޓްސަލް ކިންގ ނައިވާދޫގެ ޔާމީން ރަށުގައި، ފޮޓޯ: ނައިވާދޫގެ ފޮޓޯ ގްރާފަރެއް
14 ފެބްރުއަރީ 2026 ވަނަ ދުވަހު ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ނައިވާދޫ ޗެމްޕިއަންކަން ހޯދީ 9-3 ލަނޑުގެ ބޮޑު ތަފާތަކުން ގއ.ދެއްވަދޫ ބަލިކޮށްގެންނެވެ.
ދެއްވަދޫ ކޮޅަށް 9 ލަނޑުޖަހައި ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް، ތަށި ބޮޑު ތިލަދުންމައްޗަށް
ނައިވާދޫ ވަނީ މިތައްޓާއެކު މިއަހަރު ތިން ތަށި ހޯދާފައެވެ. އަނެއް ދެ ތައްޓަކީ ހދ. އަތޮޅު ތައްޓާއި، ޒޯން 1 ގެ ތައްޓެވެ.
ރާއްޖޭގެ ފުޓްސަލް ކިންގަކީ ޗެމްޕިއަން ނައިވާދޫގެ ޔާމީން، ނައިވާދޫ އަށް މުބާރާތުގެ ގިނަ ވަނަތަކެއް
ނައިވާދޫ ވަނީ މި މުބާރާތުގައި ޒޯން 1ގެ ޗެމްޕިއަންކަން ޖުމްލަ ހަތަރު ފަހަރު ހޯދާފައެވެ. އެއީ 2026 ވަނަ އަހަރުގެ އިތުރުން 2025، 2023 އަދި 2018 ވަނަ އަހަރު އެވެ.
ނައިވާދޫގެ ސާއްޕެ އާއި މޯންޑޭ ތައްޓާއެކު ރަށުގައި، ފޮޓޯ: ނައިވާދޫގެ ފޮޓޯ ގްރާފަރެއް
ނައިވާދޫ ވަނީ މި މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ.
ބޮޑު ތިލަދުންމައްޗަށް ތަށި ގެނެސްދީ ރާއްޖޭގެ ފުޓްސަލް ކިންގްގެ މަގާމު ހޯދި ނައިވާދޫ އަށް ބޮޑު ތިލަދުންމަތީގެ ރައްޔިތުންނާއި ކައުންސިލް، ކްލަބް ޖަމިއްޔާތަކުން އަންނަނީ މަރުޙަބާ ފޮނުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!