މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރަސްމީ ރިޒާވް ބިލިޔަނަކަށް ވުރެ މަތިވި ފުރަތަމަ ފަހަރެވެ.

Ad
rt

އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި ރަސްމީ ރިޒާވް މިހާރު ވަނީ 1.03 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ނިޔަލަށް ހުރި 983.04 މިލިޔަން ޑޮލަރާ އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ވަގުތުން ބޭނުންކުރެވެން ހުންނަ ފައިސާ ނުވަތަ ބޭނުންކުރެވޭ ރިޒާވް ވެސް ވަނީ 301.4 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ.

ބޭނުންކުރެވޭ ރިޒާވަށް ލިބުނު މި ކުރިއެރުމަކީ މިދިޔަ އަހަރުގެ ނިޔަލަށް ހުރި 244.1 މިލިޔަން ޑޮލަރާ އަޅާބަލާއިރު 25 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ފާއިތުވި ދެ އަހަރު ދުވަހު ރިޒާވް ހީނަރުވެފައި އޮތުމަށްފަހު، ބޭނުންކުރެވޭ ރިޒާވް މި މިންވަރަށް މަތިވުމަކީ އިގްތިސާދީ ގޮތުން ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ރިޒާވް ހަރުދަނާވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާގެ ގަވާއިދުގެ ދަށުން ބޭންކުތަކަށް މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު އިތުރުވުން ހިމެނޭ ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.

މި ކުރިއެރުމާއެކު، ރޯދަމަހަށް މުދާ އިމްޕޯޓްކުރާ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ޑޮލަރު ދޫކުރާ މިންވަރު 32 އިންސައްތަ އިތުރުކުރުމަށް އެމްއެމްއޭއިން މިހާރު ވަނީ ނިންމާފައެވެ.