ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ "އުފަންވެނި" ސެންޓަރުގައި އަންހެނުންގެ ޞިއްޙަތަށް ޚާއްޞަކޮށްގެން ގާއިމްކުރި "ކަންބާވެނި" ކްލިނިކް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކްލިނިކް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އޮނަރަބަލް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

Ad
rt

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، މިއީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުތަކުގައި އަންހެނުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ހަރުދަނާކުރުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެކެވެ.

ކޭއާރުއެޗުގައި އަންހެނުންގެ ސިއްހަތަށް ހާއްސަކޮށްގެން ކްލިނިކެއް ހުޅުވުން، ފޮޓޯ: ކޭއާރުއެޗު

މި އައު ކްލިނިކާއެކު އުތުރުގެ އަތޮޅުތަކުގެ އަންހެނުންނަށް ޞިއްޙީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ކްލިނިކް މެދުވެރިކޮށް އަންހެނުންނަށް ބޭނުންވާ ޚާއްޞަ ފަރުވާތަކާއި، ބަލިތަކުން ރައްކާތެރިވުމަށް ހަދަންޖެހޭ ސްކްރީނިންގް ޓެސްޓުތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން ކުޅުދުއްފުށީގެ އިތުރުން ކައިރި ސަރަޙައްދުތަކުގެ ރަށްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ރަށާ ގާތުން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.

ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފަދަ ޚާއްޞަ ކްލިނިކެއް ހުޅުވުމަކީ އަންހެނުންގެ ދުޅަހެޔޮކަމަށް ދެވޭ ވަރަށް ބޮޑު އަހަންމިއްޔަތެއްކަން ފާހަގަކުރެވެއެވެ.

އިތުރު ޚިދުމަތްތަކާއެކު ކޭއާރުއެޗްގެ ޚިދުމަތްތައް ފުޅާވަމުންދާއިރު، "ކަނބާވެނި" ކްލިނިކަކީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.