ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލްގައި ތަށި ހޯދުމުގެ ވަރުގަދަ އަޒުމްގައި ހދ. ނައިވާދޫ މިރޭ ގއ. ދެއްވަދޫ އާއި ދެކޮޅަށް ނުކުންނާނެއެވެ.
މި މުބާރާތުގެ ފައިނަލަށް ޖެހިޖެހިގެން ދެވަނަ ފަހަރު ދަތުރުކުރި ނައިވާދޫ އަށް ކާމިޔާބީ އަށް އެދި އެރަށާއި ބޮޑު ތިލަދުންމަތީގެ ރައްޔިތުން އަންނަނީ ޝުޢޫރު ފާޅު ކުރަމުންނެވެ.
މި ފައިނަލް އޮންނާނީ ކިރޭ 20:30 ގައި ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ.
މި މުބާރާތުގެ ފައިނަލާ ހަމައަށް މޮޅުވުމުގެ ރެކޯޑާއެކު ދަތުރުކުރި ނައިވާދޫ ޓީމުން އެ ޓީމުގެ މުހިންމު ތިން ކުޅުންތެރިއަކު ފުޓްސަލް ގައުމީ ޓީމަށް ވެސް ދޫކުރިއެވެ. އެއީ އެ ޓީމުގެ މުހިންމު ތިން ކުޅުންތެރިންކަމަށްވާ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި ގޯލްކީޕަރ ނާޖިހްއެވެ. ނައިވާދޫ އަތޮޅު ތަށި ނަގައި ޒޯނަށް ދަތުރުކުރީ މި ކުޅުންތެރިން ނެތިއެވެ. ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ހޯދައިދިނުމަށްފަހު މި ކުޅުންތެރިން ޓީމާ ގުޅުނީ މި މުބާރާތުގެ ޒޯނު ބުރުގައެވެ.
މިދިޔަ އަހަރު މި މުބާރާތުގެ ފައިނަލްގައި ކުޅުނު ނައިވާދޫ ވަނީ މި މުބާރާތުގައި ޒޯން 1ގެ ޗެމްޕިއަންކަން ޖުމްލަ ހަތަރު ފަހަރު ހޯދާފައެވެ. އެއީ 2026 ވަނަ އަހަރުގެ އިތުރުން 2025، 2023 އަދި 2018 ވަނަ އަހަރު އެވެ.
ނައިވާދޫ ވަނީ މި މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ.
ނައިވާދޫ މިރޭ ފައިނަލަށް ނުކުންނަނީ މިދިޔަ އަހަރު ކާށިދޫ އަތުން ބަލިވެ ތަށި ގެއްލުނު ހަނދާން ފޮހެލައި، އާ ޖޯޝަކާއެކު ރަށަށާއި ބޮޑު ތިލަދުންމައްޗަށް ތަށި ގެންގޮސްދިނުމުގެ އަޒުމުގައިކަން ކަށަވަރެވެ.
ނައިވާދޫ އަށް ފުރިހަމަ ކާމިޔާބަށް އެދެމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!