ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑޫއަށް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުން ފާހަގަކުރުމަށްޓަކައި އެ ރަށުގައި ވަނީ ސަގާފީ ހަރަކާތްތަކާއެކު ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތޮއްޑޫ އަށް ނިސްބަތްވެވަޑައިގަންނަވާ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އެވެ.
މި ޚިދުމަތް ފެށުމަށްޓަކައި ތޮއްޑޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް، ތޮއްޑޫ ކައުންސިލް އިދާރާގައި ފަސިންޖަރުން ޗެކިން ކުރުމުގެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖައްސާފައެވެ.
މޯލްޑިވިއަންއިން މަޢުލޫމާތު ދޭ ގޮތުގައި، ކޮންމެ ހަފުތާއަކު ދެ ދުވަހު ތޮއްޑޫއަށް ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެއީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.
މޯލްޑިވިއަނުން ވަނީ މި ދަތުރުތަކާ ގުޅުވައިގެން ދިވެހިންނަށް ޚާއްސަ ފެއަރއެއްވެސް ތަޢާރަފްކޮށްފައެވެ. އެގޮތުން ދިވެހިންނަށް ދަތުރުގެ އެއްކޮޅު ޓިކެޓެއް 799 ރުފިޔާއަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މީގެ ކުރިން މޯލްޑިވިއަނުން ވަނީ މިފަދަ ދަތުރުތައް ނ. ވެލިދޫއަށްވެސް ފަށާފައެވެ.
މި ޚިދުމަތުގެ ސަބަބުން ތޮއްޑޫގެ ލޯކަލް ޓޫރިޒަމަށް ބޮޑު ދިރުމެއް ލިބި، ރަށުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!