ކުށުން ރައްކާތެރިކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ކުޅުދުއްފުށި ސިޓީގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނިގޮތުގައި މިދިޔަ އާދީއްތަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ނެއިބަހުޑް އޮފިސަރުން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ކުރިއަށް އޮތް ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Ad
rt

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރަމަޟާން މަހު ކުށްތަކުން ރައްކާތެރިވުމަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި، ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ. މިގޮތުން ފުލުހުން ވަނީ ސިޓީގެ ގޭބިސީތަކަށް ޒިޔާރަތްކޮށް، ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އިރުޝާދު ދީފައެވެ.

މި ޒިޔާރަތްތަކުގައި، ރަމަޟާން މަހު އާންމުކޮށް ވައްކަންކުރާނެ ކަމަށް ބެލެވޭ ވަގުތުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ. ވަކިން ހާއްސަކޮށް، ނަމާދު ވަގުތުތަކުގައި މިސްކިތަށް ދާއިރު ފިހާރަތަކާއި ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލުމަށް އިރުޝާދު ދީފައިވެއެވެ. މީގެ އިތުރުން، ބަދިގެ ތެރޭގައި ހަރަކާތްތެރިވާއިރު އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.

ވިޔަފާރި ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް އަލިއަޅުވާލަމުން، އޮންލައިންކޮށް ކުރާ ވިޔަފާރިތަކުގައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރަމަޟާން މަހުގެ ހަވީރު ގަޑިތަކަކީ ގިނަ ބަޔަކު ފިނިބުރުޖަހަން ނުކުމެ އުޅޭ ވަގުތަކަށް ވާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، އުޅަނދު ދުއްވާއިރު ސަމާލުވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

އެއްގަމު ދަތުފަތުރުގެ ގާނޫނާ އެއްގޮތަށް އަމަލުކުރުމުގެ މުހިންމުކަން ފާހަގަކޮށް، ލައިސަންސް ނެތި އުޅަނދު ނުދުއްވުމަށާއި ހުރިހާ ވަގުތެއްގައިވެސް ކުށްތަކުން ރައްކާތެރިވެ ތިބުމަށް މަސައްކަތް ކުރުމަށް ފުލުހުން ވަނީ ބާރުއަޅާފައެވެ. މިއީ ރަމަޟާން މަހަކީ އަމާން އަދި ރައްކާތެރި މަހަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަމަށް ފުލުހުން ފާހަގަކުރެއެވެ.

މި ހަރަކާތުގައި ފުލުހުން ވަނީ ރައްޔިތުންނަށް ދިމާވާ އެކި ކަންކަމުގައި ހައްލު ހޯދުމަށް ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދިފައެވެ. އަދި ރައްޔިތުން ބޭނުންވާ ކޮންމެ ހިނދެއްގައި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ވަނީ ދީފައެވެ.