ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްފިއެވެ.

މި ޕޯޓަލްގެ ސަބަބުން ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، އެ ޕެޓިޝަންތަކަށް ތާއީދުކޮށް ސޮއިކުރުމުގެ އިތުރުން، ހުށަހަޅާފައިވާ ޕެޓިޝަންތައް ކުރިއަށްދާ ގޮތް ފަސޭހަކަމާއެކު ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Ad
rt

ޕެޓިޝަން ހުށަހަޅާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، މި ނިޒާމު ފަރުމާކޮށްފައިވަނީ ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ކަމަށްވާ 'އީ-ފާސް' މެދުވެރިކޮށް ބޭނުންކުރެވޭ ގޮތަށެވެ.

މީގެ ކުރިން މަޖިލީހަށް ޕެޓިޝަން ހުށަހެޅުމުގައި އަމަލުކުރަމުންދިޔަ އުސޫލުތަކަށް ބަދަލު އަންނާނެ މި ނިޒާމުގެ ސަބަބުން، ޕެޓިޝަން ހުށަހެޅުމުގައި މަޖިލިސް މެންބަރުންނަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެއެވެ. މީގެ ބަދަލުގައި، ރައްޔިތުންނަށް ސީދާ މަޖިލީހާ މުއާމަލާތްކޮށް، ގައުމީ މުހިންމު ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު މި ޕޯޓަލް މެދުވެރިކޮށް ފުޅާވެގެންދާނެއެވެ.

ރާއްޖޭގައި މި ގާއިމުކުރެވުނު އީ-ޕެޓިޝަން ނިޒާމަކީ ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި މިފަދަ ނިޒާމެއް ގާއިމުކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިޔަ ތާރީޚީ ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މަޖިލީހުން ފާހަގަކުރެއެވެ.

މި ޕޯޓަލް ފަރުމާކޮށް ތަރައްގީކޮށްފައިވަނީ ޔޫއެންޑީޕީ އާއި، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ސަރުކާރުގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކުގައެވެ.