ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ، އެމެރިކާގެ ކުރީގެ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ބައްދަލުކުރެއްވުމުގެ ކުރިން އޭނާގެ ފަރާތުން އެއްވެސް ކަހަލަ ޖިނާއީ އަމަލެއް ހިނގާފައިވާކަން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ނުވަތަ އެމަނިކުފާނުގެ އާއިލާއަށް އެނގިވަޑައިގެންފައި ނުވާކަމަށް ރައީސް ވަހީދުގެ އޮފީހުން މިއަދު ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި، އެޕްސްޓީންއާ އެކު ބޭއްވުނު ބައްދަލުވުންތަކުގެ ތަފްސީލު ވަނީ ހާމަކުރައްވާފައެވެ.

Ad
rt

ރައީސް ވަހީދުގެ އޮފީހުން ބަޔާންކުރި ގޮތުގައި، އެޕްސްޓީންއާ އެކު ބޭއްވުނު އެއްވެސް ބައްދަލުވުމަކީ އިޖުތިމާއީ ނުވަތަ ނުރަސްމީ ބައްދަލުވުންތަކެއް ނޫނެވެ. އެއީ ހަމައެކަނި ރަސްމީ ހައިސިއްޔަތުން، އެހެން ބޭފުޅުންގެ ހާޒިރުގައި ހިނގާފައިވާ ފަންނީ މަސައްކަތްތަކެއް ކަމަށާއި، އެ ބައްދަލުވުންތަކަކީ ރައީސް އޮފީހާއި ފޮރިން މިނިސްޓްރީން ވިލަރެސްކޮށްގެން ރަސްމީ ތާވަލެއްގެ ދަށުން ބޭއްވުނު ބައްދަލުވުންތަކެއް ކަމަށް އެ އޮފީހުން ބުނެއެވެ. އަދި އެޕްސްޓީންގެ ފަރާތުން އެއްވެސް ކަހަލަ ޖިނާއީ އަމަލެއް ހިނގާފައިވާކަން ނުވަތަ އެފަދަ ކަމެއްގެ ނިޝާނެއްވެސް ފެނިވަޑައިގެންފައި ނުވާކަމަށް ވަނީ ބުނެފައެވެ.

މާލީ އެހީތެރިކަން ހޯދުމަށް ބޭއްވި ބައްދަލުވުންތަކެއް

ރާއްޖޭގެ ބަޖެޓަށް އެހީތެރިކަން ބޭނުންވެފައިވާ ދަނޑިވަޅެއްގައި، ނިއުޔޯކްގެ ނުފޫޒުގަދަ ފައިނޭންޝަލް އެޑްވައިޒަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އެޕްސްޓީންއާ ބައްދަލުކުރެއްވީ މާލީ އިރުޝާދު ހޯއްދެވުމަށްކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ. މި ބައްދަލުވުން ބޭއްވުނީ ދައުލަތުގެ އިސް ބޭފުޅުންގެ ރެކޮމެންޑޭޝަނަކަށް ކަމަށްވީ ނަމަވެސް، އެޕްސްޓީންއާއި ރާއްޖޭގެ ސަރުކާރާ ދެމެދު އެއްވެސް މާލީ މުއާމަލާތެއް ހިންގާފައި ނުވާކަމަށާއި، އޭނާއަށް އެއްވެސް ފައިސާއެއް ދީފައި ނުވާނެ ކަމުގެ ޔަގީންކަން ރައީސް ވަހީދުގެ އޮފީހުން ދެއެވެ.

ނަމަވެސް، މި ބައްދަލުވުން ބޭއްވުމުގެ ކުރިން އެޕްސްޓީންގެ ފަސްފަހަތް ބެލުމުގައި (ޑިއު ޑިލިޖެންސް) ރައީސް ވަހީދާއި އެމަނިކުފާނުގެ ޓީމުން އިހުމާލުވެފައިވާކަން ބަޔާނުގައި ވަނީ އިއުތިރާފުވެފައެވެ. 2008 ވަނަ އަހަރު އެޕްސްޓީންގެ މައްޗަށް ކުރެވުނު ޖިނާއީ ދައުވާތަކާއި އޭނާ ޖަލަށްލެވުނުކަން އެ ވަގުތު އެނގިވަޑައިގެންފައި ނުވާކަމަށާއި، އޭނާގެ ނުބައި ސުލޫކާއި މާޒީ ކުރިން އެނގިވަޑައިގަތް ނަމަ އެ ގުޅުން ކުރިއަށް ނުގެންދަވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

''ފުރަތަމަ ބައްދަލުވުމަކީ ކުރިއާލާ ރޭވިގެން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ތާވަލުގައި ހިމެނިގެން ބޭއްވުނު ބައްދަލުވުމެކެވެ. އެ ދަތުރުފުޅު ވިލަރެސްކުރުމުގައި ރައީސް އޮފީހާއި ފޮރިން މިނިސްޓްރީން ބައިވެރިވިއެވެ. ދިވެހި ސަރުކާރަށް ހަދައިދީފައިވާ ދޮގު ތުހުމަތުތަކުގެ ސަބަބުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ރައީސް ވަހީދު ވަނީ ގައުމުގެ ހަމަޖެހުމާއި، ސިޔާސީ ގޮތުން އެންމެން ބައިވެރިވުމާއި، ގާނޫނީ އިސްތިގުލާލު ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވާފައެވެ. ރާއްޖެއަށާއި، އެމަނިކުފާނުގެ ވަޒީފާގެ ދާއިރާގައި މަސައްކަތް ކުރެއްވި އެހެން ގައުމުތަކަށް ހިދުމަތް ކުރެއްވުމުގައި، ރައީސް ވަހީދު ވަނީ އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރެއްވުމަށްޓަކައި އެކި ދާއިރާތަކުގެ ފާހަގަކޮށްލެވޭ ބޭފުޅުންނާ ބައްދަލުކުރައްވައި މަސައްކަތް ކުރައްވާފައެވެ. މި ދެންނެވި ފަރާތާ އެއްވެސް ގޮތަކުން ގުޅުމެއް އޮތުމަކީ ރައީސް ވަހީދު ހިތާމަކުރައްވާ ކަމެކެވެ'' - ރައީސް ވަހީދުގެ އޮފީސް-

ވަހީދު ސްޕެޝަލް އެންވޯއިގެ މަގާމުން އިސްތިއުފާދެއްވައިފި

ބައްދަލުވުންތައް ބޭއްވުނު ތާރީޚުތައް

ރައީސް ވަހީދު އެޕްސްޓީންއާ ބައްދަލުކުރެއްވީ ނިއުޔޯކްގައި ހުންނަ އޭނާގެ ގޭގައި ދެ ފަހަރެއްގެ މަތިންނެވެ. އެއީ 23 ސެޕްޓެމްބަރު 2012 ގައި އެހެން އިސް ބޭފުޅުންނާއެކު ބޭއްވި ފަރިއްކޮޅަކާއި، 18 މެއި 2014 ގައި ރައީސް ވަހީދާއި ޖެފްރީ ސާލިމް ވަހީދު ބައިވެރިވެވަޑައިގެންނެވި ކުރު ބައްދަލުވުމެކެވެ.

ރައީސް ވަހީދުގެ ބަޔާނުގައި އެޕްސްޓީންގެ ފަރާތުން ޖިންސީ އަނިޔާއާއި އިސްތިޣުލާލު ލިބުނު ފަރާތްތަކުގެ އިހުސާސްތައް ބަލައިގަނެ، އެފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިފަދަ އަނިޔާވެރި އަމަލުތަކަކީ މުޖުތަމައެއްގައި ޖާގަ އޮންނަންޖެހޭނެ ކަންކަން ނޫންކަމަށާއި، އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތް ހިމާޔަތްކުރަން ޖެހޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

''އެޕްސްޓީންއަކީ އެފަދަ ނުބައި ސިފަތަކެއް ހުރި މީހެއްކަން އެނގިވަޑައިގަތް ނަމަ، އެއްވެސް ސިފައެއްގައި ނުވަތަ އެއްވެސް ގޮތަކުން އޭނާއާ އެއްވެސް ގުޅުމެއް އެމަނިކުފާނު ނުބޭއްވެވީހެވެ. މަޤާމުގައި ހުންނެވި ދުވަސްވަރު ނުވަތަ ރައީސްކަމުގެ ދައުރަށްފަހުވެސް، ގޯސް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށް ވިދާޅުވެ އެކަން ދޮގުކުރެއްވި ނަމަވެސް، އެޕްސްޓީންއާ އެކު ބޭއްވޭ އެންމެ އާދައިގެ ގުޅުމަކީވެސް މިހާރު މުޖުތަމައު ބަލައިގަންނަ ކަމަކަށް ނުވާތީއާއި، މިހާރުގެ މަސްއޫލިއްޔަތުތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދެވޭނެތީ، ރައީސް މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ މަޤާމުން ރައީސް ވަޙީދު އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.'' ރައީސް ވަހީދުގެ އޮފީހުގެ ބަޔާން ނިންމާލަމުން ބުނެފަވެއެވެ.