ށ. މިލަންދޫ ކައުންސިލުން އެރަށުގެ ގޭބިސީތަކާއި އެހެން ތަންތަނުން ކުނި ނަގައި އުކާލަދިނުމަށް ނަގަމުން އަންނަ ފީ އަންނަ މާރިޗް މަހު ހިލޭކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ.

މިލަންދޫ ކައުންސިލުން ބުނީ މި ނިންމުމަކީ 1447 ވަނަ އަހަރު، ރަށުގެ ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

Ad
rt

މިލަންދޫ ކައުންސިލުން މި ނިންމުން ނިންމާފައި ވަނީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 221 ވަނަ ޖަލްސާގައެވެ.

މި ނިންމުމާއެކު އަންނަ މާރިޗް މަހު އެއްވެސް ގޭ ބިސީއަކުން ކުނި ފީ ދައްކަން ނުޖެހޭނެކަމަށް މިލަންދޫ ކައުންސިލުން ބުންޏެވެ.

މިލަންދޫގައި ކުނި މެނޭޖުކުރުމަށް ކައުންސިލުން އެސްކަވޭޓަރެއް ގެނެސް ބޭނުންކުރަމުން އަންނައިރު، ކައުންސިލުން ކުރިން ވަނީ ކޮންމެ ގޭބިސީއަކަށް ޑަސްބިނެއްވެސް ހަދިޔާކޮށްފައެވެ.

މިލަންދޫ ގޭބިސީއަކުން ކުނި ފީގެ ގޮތުގައި ނަގަމުން އައީ މަހަކު 150 ރުފިޔާއެވެ.

މިލަންދޫގައި ވެމްކޯގެ ޚިދުމަތް ގާއިމުކޮށް، ޕަބްލިކް ވަރކްސް މަރުކަޒެއްގެ ޚިދުމަތް ވެސް ގާއިމު ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 16 އޮކްޓޯބަރު 2025 ގައި އެރަށުގައި ވިދާޅުވެފައެވެ.