ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖޭގެ އެންމެ ދެކުނުން އޮތް ހަތަރު އަތޮޅު ކަމަށްވާ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގއ. އަތޮޅު އަދި ގދ. އަތޮޅު ވައިގެ މަގުން ގުޅާލައިފިއެވެ.
މި ތާރީޚީ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި އޮޕަރޭޝަންގެ މައި ބޭސްއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފިޔަވައި މޯލްޑިވިއަންގެ އޮޕަރޭޝަން ބޭސްއެއް ރާއްޖޭގެ ސަރަހައްދެއްގައި ގާއިމުކުރި ފުރަތަމަ ފަހަރެވެ.
މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ދަތުރުތައް ކުރާނެ ރޫޓުތަކާއި އަގުތައް
މޯލްޑިވިއަނުން މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ޖުމްލަ 5 ސެކްޓަރަކަށް ބަހާލައިގެންނެވެ. އެގޮތުން ކަނޑައަޅާފައިވާ އަގުތަކަކީ:
ގަން - ފުވައްމުލައް: 500ރ.
ފުވައްމުލައް - ކޫއްޑޫ: 650ރ.
ފުވައްމުލައް - ކާޑެއްދޫ: 650ރ.
ގަން - ކާޑެއްދޫ: 900ރ.
ގަން - ކޫއްޑޫ: 900ރ.
މި ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ފުރޮޅުލީ ޓްވިން އޮޓަރ މަރުކާގެ މަތިންދާ ބޯޓުތަކެވެ. މިއީ އާންމުކޮށް ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރާ، 15 މީހުންގެ ޖާގައިގެ ކުދި ބޯޓުތަކެކެވެ.
މި އާ ބަދަލުގެ ސަބަބުން ދެކުނުގެ ހަތަރު އަތޮޅުގެ ދަތުރުފަތުރުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މީގެ އިތުރުން، މި ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށްވެސް މި ދަތުރުތަކުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!