އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވަނީ ހުވަފެނެއްގެ ތެރޭގައި ކަމަށާއި ހަނގުރާމައެއް ފަށައިފިނަމަ އޭގެ ނިމުން ކަނޑައަޅާނީ އީރާނުން ކަމަށް ޓްރަމްޕް އީރާނާ ދެކޮޅަށް ދެއްވަމުން ގެންދަވާ އިންޒާރުތަކަށް ރައްދު ދެމުން، އީރާނުން ބުނެފިއެވެ.
2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި އީރާނުން މިފަދަ އިންޒާރެއް ދީފައިވަނީ ޕާޝިއަން ގަލްފަށް އެމެރިކާގެ ބިޔަ އަސްކަރީ ފްލީޓެއް ފޮނުވާލުމާ ގުޅިގެންނެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަލީ-މުހައްމަދު ނާއިނީ ވިދާޅުވީ، ޓްރަމްޕަށް ހީވަނީ އަވަސް އޮޕަރޭޝަނެއް ހިންގާލުމަށްފަހު، ދެ ގަޑިއިރު ފަހުން އެ އޮޕަރޭޝަން ނިމުނީ ކަމަށް ބުނެ ޓްވީޓެއް ކުރެވިދާނެ ކަމަށް ކަމަށެވެ.
''ޓްރަމްޕަށް ހީވަނީ އަވަސް އޮޕަރޭޝަނެއް ހިންގާލުމަށްފަހު، ދެ ގަޑިއިރު ފަހުން އެ އޮޕަރޭޝަން ނިމުނީ ކަމަށް ބުނެ ޓްވީޓެއް ކުރެވިދާނެ ކަމަށް ނަމަ، އޭނާ އެ އުޅެނީ ހުވަފެނެއްގެ ތެރޭގައި، އިސްރާއީލުން ފެށިގެން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގައުމުތަކާ ހަމައަށް، މުޅި ސަރަހައްދު ވަށާލާނެ ފަދަ ހަނގުރާމައެއް ފެށިގެންދާނެ،" ތަރުޖަމާނު އިންޒާރު ދެއްވިއެވެ.
އީރާނުން ބުނާ ގޮތުގައި އެ ގައުމާ ދެކޮޅަށް ދޭ އެއްވެސް ހަމަލާއެއް ވަކި ތަނަކަށް އެކަނި އަމާޒުވެފައި ނޯންނާނެއެވެ. އެންމެ މިސައިލެއް ފޮނުވާލިޔަސް، މުޅި "ރެސިސްޓަންސް އެކްސިސް" މެދުވެރިކޮށް ރައްދު ހަމަލާ ދޭނެ ކަމަށް އީރާނުން ބުނެއެވެ. މީގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތައް ކަމަށްވާ ގަތަރު، ބަހްރޭން އަދި ޔޫ.އޭ.އީ ފަދަ ގައުމުތަކަށް ނުރައްކާ އޮތްކަން އީރާނުން ވަނީ ހާމަކޮށްފައެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި އީރާނުގެ އާމީ ޗީފް މޭޖަރ ޖެނެރަލް އާމިރު ހާތަމީ ވަނީ ކަނޑުގެ މަގުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ރައްދު ދިނުމަށްޓަކައި 1,000 އިސްތިރާތީޖީ ޑްރޯން އަސްކަރިއްޔާއާ ގުޅުވާލާފައިވާކަން އިއުލާން ކުރައްވާފައެވެ. އީރާނުގެ އަސްކަރީ އިސް އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމެރިކާގެ އަސްކަރީ ބާރުތައް ޖަމާކުރުމަކީ ބާވެފައިވާ އުކުޅެއް ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ އީރާނުން އޮތީ "ބަޑީގެ އޮބިގަނޑަށް އިނގިލި ޖައްސައިގެން" ކަމަށެވެ. ނަމަވެސް، ފުރިހަމަ ހަނގުރާމައަކަށް ދިއުމުގެ ބަދަލުގައި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ތުރުކީ މެދުވެރިކޮށް މަޝްވަރާގެ މަގު ހޯދުމަށްވެސް އީރާނުން ދަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!