އިންސާނީ މުޖުތަމަޢެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތަޢުލީމާއި ތަރުބިއްޔަތެވެ. ތަޢުލީމަކީ ހަމައެކަނި ފޮތްތަކުން އުނގަންނައިދޭ ފިލާވަޅުތަކެއް ނޫނެވެ. އެއީ އިންސާނާގެ ބުއްދިއާއި ޒަމީރު ހޭލައްވައިލާ، ޖާހިލުކަމުގެ އަނދިރީން ނެރެދޭ ނޫރެކެވެ. މި މަތިވެރި މަސައްކަތުގެ މޭސްތިރިންނަކީ މުދައްރިސުންނެވެ. ދަރީންނަށް ހެޔޮ ތަރުބިއްޔަތު ދީ، ދެދުނިޔޭގެ ކާމިޔާބީއަށް މަގުދައްކައިދޭ މުދައްރިސުންނަކީ މުޅި އުންމަތުގެ އިޙުތިރާމާއި ލޯބި ޙައްޤުވާ މަތިވެރި ބަޔެކެވެ. މިއީ މިއަދުގެ ހުކުރު ހުތުބާގެ އިބްރަތްތެރި ފިލާވަޅުތަކުން ބަޔެކެވެ.

''ވަށައިޖެހޭ ތަޢުލީމުގެމަތީގައި އުންމަތް ބިނާކުރާށެވެ!'' މައުޟޫއަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ގެނެސްދިން ހުތުބާގައި ދިން އިބުރަތްތެރި ދަރުސްތަކުން މުހިންމު ބައެއްކަންކަން ހުނިޖަހައިލާއިރު،

Ad
rt

މުދައްރިސުންގެ މަތިވެރި މަސްއޫލިއްޔަތު

މުދައްރިސުންނަކީ ހަމައެކަނި މަޢުލޫމާތު ފޯރުކޮށްދޭ ބައެއް ނޫނެވެ. އެބޭފުޅުންނަކީ ދަރިވަރުންގެ ހިތްތައް އިލާހީ ނޫރުން އަލިކޮށްދޭ ދަންމަރުތަކެކެވެ. ކޮންމެ މާއްދާއެއް ކިޔަވައިދިން ކަމުގައި ވިޔަސް، އެ ކިޔަވައިދިނުމެއް އިސްލާމީ އަޞްލުތަކުގެ ތެރެއަށް ފެއްތުމަކީ މުދައްރިސުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު އަމާނާތެކެވެ. އިސްލާމްދީނުގައި ޢިލްމުވެރިންގެ ދަރަޖަ މަތިވެރިވެގެންވަނީ މި ސަބަބަށްޓަކައެވެ. އެބޭފުޅުން ބިނާކުރަނީ ހަމައެކަނި ވަޒީފާއަކަށް ބޭނުންވާ މީހުންނެއް ނޫނެވެ. އެހެނެއްކަމަކު، މާތް اللهއަށް ބިރުވެތިވާ، އަޚުލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި ޖީލެކެވެ.

ދަރިވަރުންގެ ޒިންމާއާއި އިޙުތިރާމް

ދަރިވަރުންނަކީ ޤައުމުގެ މުސްތަޤުބަލެވެ. މިއަދު މަދަރުސާގެ ގޮނޑިތަކުގައި ތިބޭ ކުދިންނަކީ މާދަމާ މުޅި އުންމަތުގެ އުންމީދެވެ. ވީމާ، އުނގެނުމުގެ މަގުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ކެތްތެރިވާންޖެހެއެވެ. ރަސޫލުالله ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި ޢިލްމު ހޯދުމުގެ މަގަކީ ސުވަރުގެއަށް މަގު ފަހިކޮށްދޭ މަގެކެވެ. މި މަގުގައި މުދައްރިސުންނަށް އިޙުތިރާމްކުރުމާއި، މަދަރުސާގެ އުޞޫލުތަކަށް ބޯލެނބުމަކީ ކާމިޔާބީގެ އަސާސެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ބޭކާރު ކަންކަމުން ދުރުހެލިވުމަކީ ދަރިވަރުންގެ މައްޗަށް އޮތް ވާޖިބެކެވެ.

ބެލެނިވެރިންގެ ދައުރު

ދަރީން ތަރުބިއްޔަތު ކުރުމަކީ ހަމައެކަނި މަދަރުސާގެ ޒިންމާއެއް ނޫނެވެ. ބެލެނިވެރިންނަކީ މި މަސައްކަތުގެ އެންމެ މުހިންމު ބައިވެރިންނެވެ. ދަރިފުޅު މަދަރުސާއަށް ފޮނުވުމުން ޒިންމާ ނިމުނީކަމަށް ދެކުމަކީ ބޮޑު ކުށްހީއެކެވެ. ދަރިވަރުންނަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގެ އިތުރުން، އެކުދިންގެ ނަފުސާނީ އަދި ޖިސްމާނީ ބަދަލުތަކަށް ހޭލުންތެރިވާންޖެހެއެވެ. ކާމިޔާބީގައި ތަރުޙީބުދީ، ނާކާމިޔާބީގައި ހިތްވަރުދޭ އެންމެ ގާތް އެކުވެރިޔާއަށް ބެލެނިވެރިން ވާންޖެހެއެވެ. ޢާއިލީ ނުތަނަވަސްކަމުން ދަރިން ދުރުކޮށް، ރައްކާތެރި މާޙައުލެއް ބިނާކޮށްދިނުމަކީ ބެލެނިވެރިންގެ މަސްއޫލިއްޔަތެކެވެ.

ތަޢުލީމީ ނިޒާމާއި އިދާރާތަކުގެ ޒިންމާ

ޤައުމެއްގެ ތަޢުލީމީ ނިޒާމު ބިނާވެފައި އޮންނަންވާނީ އިލާހީ މަންހަޖުގެ މައްޗަށެވެ. ކަމާބެހޭ އިދާރާތަކުން ތަޢުލީމީ ސިޔާސަތުތައް މުރާޖަޢާކުރާއިރު، ޒަމާނަށް އަންނަ ބަދަލުތަކާ އެކުވެސް އިސްލާމީ އަސާސްތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރަންޖެހެއެވެ. މަންހަޖުތަކާއި މުޤައްރަރުތައް އެކުލަވައިލަންވާނީ ދުރު ރާސްތާގެ ސާބިތު އަމާޒުތަކެއްގެ މައްޗަށެވެ. މިއީ އަންނާން އޮތް ޖީލުތަކުގެ ޙައްޤުގައި އުފުލަންޖެހޭ ބޮޑު އަމާނާތެކެވެ.

ޢިލްމު އުނގެނުމުގެ އަޞްލު މަޤުޞަދު

ޚުލާޞާކޮށް ދަންނަވާނަމަ، ޢިލްމު އުނގެނުމުގެ އަޞްލު މަޤުޞަދަކީ ހަމައެކަނި އިމްތިޙާނުން ފާސްވުމެއް ނޫނެވެ. އެއީ މަތިވެރި އަޚުލާޤާއި، މާތް اللهއަށް ބިރުވެތިވުމުގެ ސިފަ އަށަގަންނުވައި، ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމެވެ. މި މަގަށް މަގުދައްކައިދޭ މުދައްރިސުންނަކީ އުންމަތުގެ ބިނާކުރަނިވި ބާރެވެ. އެބޭފުޅުންގެ އަގު ވަޒަންކޮށް، މުދައްރިސުންނާއި، ބެލެނިވެރިންނާއި، ދަރިވަރުން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ދެދުނިޔޭގެ ކާމިޔާބީ ލިބިގެންވާނެކަން ކަށަވަރެވެ.