ކ. ކާށިދޫ ފަޅުން ބައެއްގައި އާއި ނ. އަތޮޅު ފަރުމުލި ފަޅުގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.
މިއީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ދޫކުރާ ދެ ސަރަހައްދެކެވެ.
މި އިޢުލާނުގައިވާ ގޮތުން، ކ. ކާށިދޫ ފަޅުގެ ސަރަހައްދުން 115.21 ހެކްޓަރު ކަނޑައަޅާފައިވަނީ 10 ހެކްޓަރުގެ ރަށެއް ހިއްކުމަށެވެ. އަދި ނ. އަތޮޅު ފަރުމުލި (LD0177) ސަރަހައްދުން 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދަކާއެކު، 15 ހެކްޓަރަށްވުރެ ބޮޑުނޫން ރަށެއް ހިއްކައިގެން ރިޒޯޓް ތަރައްޤީކުރުމަށް ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫޢުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް 16 ފެބުރުވަރީ 2026 އަދި 03 މާރިޗު 2026 ގައި ވަރޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 15 ފެބުރުވަރީ އަދި 02 މާރިޗުގެ ކުރިން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހެއެވެ.
ބީލަން ފޮތް ގަތުމުގެ ފުރުޞަތު 01 ފެބުރުވަރީ 2026 އިން ފެށިގެން 31 މާރިޗު 2026 އާ ހަމައަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. ބީލަން ފޮތް ގަތުމަށް ބޭނުންވާ ފޯމު އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މި ބީލަންތައް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 01 އޭޕްރީލު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 29 މާރިޗު 2026 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ކާށިދޫ ފަޅުން ބައެއް ހިއްކައިގެން ހަދަން ހުޅުވާލި ރިސޯޓުގައި މަދުވެގެން 100 އެނދު އަދި ނ. އަތޮޅު ފަރުމުލި ފަޅު ހިއްކައިގެން ހަދާ ރިސޯޓުގައި މަދުވެގެން 150 އެނދު ތަރައްގީކުރަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!