ށ. ފުނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ބުނެފައިވަނީ، ފުނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 3 ހެކްޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 23 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ. މި ބައްދަލުވުން ކުރިއަށްދާނީ ވަރޗުއަލްކޮށެވެ. މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 22 ފެބުރުވަރީ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން planning@tourism.gov.mv އަށް އީމެއިލް ކުރަންޖެހެއެވެ.
ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 1 ފެބުރުވަރީ 2026 އިން ފެށިގެން 30 މާރިޗު 2026 ގެ ނިޔަލަށެވެ. ބީލަން ފޮތް ލިބޭނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް، ވޭލާނާގޭގެ 5 ވަނަ ފަންގިފިލާގައި ހުންނަ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ރިސެޕްޝަނުންނެވެ.
މި މަޝްރޫޢުގެ ބީލަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 31 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ. ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 26 މާރިޗު 2026 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މި ބިން ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ 50 އަހަރުގެ މުއްދަތަށެވެ. މި ހޮޓަލުގައި އެންމެ މަދުވެގެން 50 ކޮޓަރި (100 އެނދު) ތަރައްގީކުރަންޖެހޭއިރު، ކޮޓަރިއަކަށް އެންމެ ކުޑަމިން އިންވެސްޓްމަންޓް ވެލިއު އަކީ 50،000 ޑޮލަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!