ދޮޅުމަސް ދުވަހުގެ ބޮޑު ޗުއްޓީއަށްފަހު، ރާއްޖޭގެ 219 ސަރުކާރު ސްކޫލެއްގައި މިއަދު އާ ދިރާސީ އަހަރުގެ ކިޔެވުން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ޖުމްލަ 80,715 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާނެއެވެ. އޭގެ ތެރެއިން ގްރޭޑް 1 އަށް އަލަށް 4,790 ދަރިވަރުން ވަނީ ވަދެފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވަތް 1,748 ދަރިވަރުންނާއި އަތޮޅުތެރޭގެ ސްކޫލްތަކަށް ވަތް 3,042 ދަރިވަރުން ހިމެނެއެވެ.
ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި ޖުމްލަ 10,500 މުދައްރިސުން ހަރަކާތްތެރިވާނެއެވެ. މީގެ ތެރޭގައި ހިމެނެނީ 8,000 ދިވެހި މުދައްރިސުންނާއި 2,500 ބިދޭސީ މުދައްރިސުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި ހުރިހާ ސްކޫލަކަށް ބޭނުންވާ ފޮތްތަކާއި ޓީޗަރުން މިހާރު ވަނީ ހަމަކުރެވިފައެވެ.
މި އަހަރުގެ ކިޔެވުން ފެށުމާއެކު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ދާއިމީ އައު ސްކޫލެއް ހުޅުވާފައެވެ. ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭ މި ސްކޫލަކީ 1,900 އަށްވުރެ ގިނަ ދަރިވަރުންގެ ޖާގަ އޮތް ސްކޫލެކެވެ. މި ސްކޫލުގައި އެކަނިވެސް 230 މުދައްރިސުން މަސައްކަތް ކުރާނެއެވެ.
އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ކިޔެވުން ޖުލައި 17 އަށް ނިމޭނެއެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން އޮގަސްޓު މަހުގެ 2 ވަނަ ދުވަހު ފެށޭއިރު، މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން ފެށިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ 12 އާ ހަމައަށެވެ.
މިއީ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލުކުރުމަށްފަހު ކިޔެވުން ފެށި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!