ޓްރަމްޕްގެ ސަރުކާރުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަކިވުމަށް ނިންމި ނިންމުމާ ގުޅިގެން، އެ ޖަމްއިއްޔާގެ ދުނިޔޭގެ ބަލިމަޑުކަމަށް އިޖާބަދޭ ނެޓްވޯކާ ގުޅޭ އެމެރިކާގެ ފުރަތަމަ ސްޓޭޓަކަށް ކެލިފޯނިއާ ވާނެ ކަމަށް އެ ސްޓޭޓުން ހުކުރު ދުވަހު އިއުލާނުކޮށްފިއެވެ.
ބަލިމަޑުކަން މެނޭޖުކުރުމުގައި އދ. ގެ ސިއްހީ އިދާރާ ފެއިލްވެފައިވާ ކަމަށް ބުނެ، މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާ ވަނީ ރަސްމީކޮށް އެ އިދާރާއިން ވަކިވެފައެވެ. ނަމަވެސް ކެލިފޯނިއާގެ ގަވަރުނަރު ގަވިން ނިއުސަމް ވަނީ އެމެރިކާގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ ގިނަ ބަޔަކަށް ގެއްލުންވާނެ "ޒިންމާދާރުކަން ކުޑަ ނިންމުމެއް" ކަމަށެވެ.
"މި ނިންމުމުގެ ސަބަބުން ކުރިމަތިވާނެ ހަލަބޮލިކަމަށް ކެލިފޯނިއާ އިން ހެކިވެރިއެއް ނުވާނެ" ގަވަރުނަރު ނިއުސަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފަވެއެވެ.
ކެލިފޯނިއާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކާ އެކު އޮންނަ ގުޅުންތައް ބަދަހިކޮށް، އާންމު ސިއްހަތުގެ ތައްޔާރީތަކުގައި އިސްކޮށް ދެމިތިބޭނެ ކަމަށާއި، އޭގެ ތެރޭގައި ޑަބްލިއު.އެޗް.އޯ ގެ ގްލޯބަލް އައުޓްބްރޭކް އެލާޓް އެންޑް ރެސްޕޮންސް ނެޓްވޯކްގައި ހިމެނޭ ހަމައެކަނި ސްޓޭޓްގެ ގޮތުގައި ބައިވެރިވުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިންމުމުގެ ކުރިން، މި ހަފުތާގައި ސުވިޒަލޭންޑްގެ ދާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ގަވަރުނަރު ވަނީ ޑަބްލިއު.އެޗް.އޯ ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، އަލަށް ފެންނަ އާންމު ސިއްހަތުގެ ނުރައްކާތައް ދެނެގަނެ، އެކަންކަމަށް އިޖާބަދިނުމުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ގަވަރުނަރުގެ އޮފީހުން މައުލޫމާތު ދެއެވެ.
ކެލިފޯނިއާގެ މި ނިންމުމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދި ރަސްމީކޮށް ވާހަކައެެއް ނުދައްކައެވެ.
އެމެރިކާއިން ޑަބްލިޔުއެޗްއޯ އިން ވަކިވިކަން ހުކުރު ދުވަހު ޢިއުލާންކޮށްފައިވާއިރު، އެމެރިކާގެ ގާނޫނު ބުނާގޮތުން، ޑަބްލިޔުއުއެޗްއޯއިން ވަކިވުމުގެ ކުރިން އެއް އަހަރު ދުވަހުގެ ނޯޓިސް ދޭންޖެހޭނެއެވެ. އަދި ދައްކަންޖެހޭ ހުރިހާ ފީއެއް - ގާތްގަނޑަކަށް 260 މިލިއަން ޑޮލަރު - ދައްކާ ހަލާސްކުރަން ޖެހެއެވެ. ނަމަވެސް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވަނީ ވަކިވުމުގެ ކުރިން އެއްވެސް ފައިސާއެއް ދައްކަންޖެހޭނެ ކަމަށް ބުނާ މާއްދާއާ މެދު ދެބަސްވެފައެވެ.
ފަހަކަށް އައިސް އެމެރިކާއިން ދަނީ އދ. ގެ އެހެން ބައެއް އިދާރާތަކުން ވެސް ވަކިވަމުންނެވެ. އަދި ޓްރަމްޕް އަލަށް އުފެއްދެވި "ބޯޑް އޮފް ޕީސް" ގެ ސަބަބުން މުޅި އދ. އަށް ބުރޫއަރާފާނެ ކަމުގެ ބިރު ބައެއް ފަރާތްތަކުން ފާޅުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!