ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަކީ ހަމަހަމަ، މުއްސަނދި އަދި ސާބިތުކަމާއެކު ދެމިއޮންނަ ޤައުމެއް ބިނާކުރުމަށް ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ތަޢުލީމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާ ކަމަށެވެ. އަދި ތަޢުލީމީ ނިޒާމު ބައްޓަންކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އެންމެންނަށް ބައިވެރިވެވޭ ފަދަ މުހިންމު އަދި ބަދަލުތަކެއް ގެނުވައިދޭ އުނގަންނައިދިނުމެއް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ އިޤުރާރު މިއަދު އައުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ޤައުމީ ތަރައްޤީގެ އެންމެ މުހިންމު އަސާސަކީ ތަޢުލީމު ކަމުގައި ކަނޑައަޅާފައިވާއިރު، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މިދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 6,000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށާއި، ދަރިވަރުންގެ ލޯނުގެ ގޮތުގައި 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކުރެވިފައިވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މުދައްރިސުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ (ސެން) ޓީޗަރުން ތަމްރީނުކުރުމުގެ މަޝްރޫޢުތައް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން މަންހަޖު އިސްލާހުކުރުމާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމާއި، ވޮކޭޝަނަލް ތަޢުލީމު ފުޅާކުރުމަކީވެސް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ހަމައެކަނި އުނގެނޭ ބަޔަކަށްވުރެ ބޮޑަށް، އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ދަރިވަރުންނަށް އިންވެސްޓްކޮށް ފުރުޞަތުތައް ފުޅާކުރުމުން ބައްޓަންވެގެންދަނީ މުޅި ޤައުމުގެ އުޖާލާ މުސްތަޤުބަލު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!