އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ގާޒާގެ 230،000 އަށްވުރެ ގިނަ އަންހެނުންނާއި އަންހެން ކުދިންނަށް ސިއްހީ ހިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އދ. އިން ބުނެފިއެވެ.
އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ގާޒާގެ 230،000 އަށްވުރެ ގިނަ އަންހެނުންނާއި އަންހެން ކުދިންނަށް (މީގެ ތެރޭގައި ގާތްގަނޑަކަށް 15،000 މާބަނޑު މީހުން ހިމެނޭހެން) ދަރިމައިވުމާ ގުޅޭ ސިއްހީ ހިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އދ. އިން ބުރާސްފަތި ދުވަހު ބުނެފައިވާ ކަމަށް އަނަޑޯލޫ އެޖެންސީން ރިޕޯޓްކުރެއެވެ.
އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް، އދ. ގެ ޕޮޕިއުލޭޝަން ފަންޑު، ޔޫއެންއެފްޕީއޭ އާ ހަވާލާދީ ވިދާޅުވީ، ޣާޒާގައި އިސްރާއީލުން ކުރިމަތިކޮށްފައިވާ ހާލަތާއެކު އެތަނުގައި ދިރިއުޅޭ އަންހެނުންނާއި އަންހެން ކުދީންނަށް ޖިންސީ ގޯނާ އާއި، އަންހެނުންނާއި އަންހެން ކުދިންގެ ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާ އިތުރުވެފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސިއްހީ މަރުކަޒުތަކާއި، ރައްކާތެރި މާހައުލުތަކާއި ކްލިނިކްތަކަށް ލިބިފައިވާ ގެއްލުންތަކުގެ އިތުރުން، މީހުން ރަށްވެހިކަމުން ވަކިވެ ހާލުގައި ޖެހުމާއި ފެންބޮޑުވުމުގެ ސަބަބުން، ނަފްސާނީ އެހީތެރިކަމާއި ސިއްހީ ފަރުވާ ހޯދުމަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށެވެ.
އާދީއްތަ ދުވަހުން ފެށިގެން އދ. ގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން 13،000 އަށްވުރެ ގިނަ އާއިލާއާ ހަމައަށް ވާސިލްވެފައިވާ ކަމަށާއި، "ސަތޭކަ އެތައް ފޭލިގެއެއް" ގެ އިތުރުން ގޮދަޑި، ރަޖާ، ހޫނު ހެދުން، ކައްކާ ސާމާނު އަދި ސޯލާ ބޮކި ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ވަސީލަތްތަކާއި ފަންޑު މަދުވުމުގެ ސަބަބުން، މިހާރު އެހީތެރިކަން ފޯރުކޮށްދެވެނީ ޣާއްޒާގައި މީހުން ހާލުގައި ޖެހިގެން ވަގުތީ ގޮތުން ދިރިއުޅޭ 970 ސަރަހައްދުގެ ތެރެއިން އެންމެ 40 އިންސައްތަ ސަރަހައްދަށް ކަމަށް އޭނާ ވިދާޅުވިއެވެ.
7 އޮކްޓޯބަރު 2023 ގައި ހަމާސް އިން ދިން ހަމަލާއަށްފަހު އިސްރާއީލުން ޣާއްޒާގައި ފެށި ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ދެ އަހަރު ވެފައިވާއިރު، މިހާތަނަށް 71،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެ، 171،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ގާޒާގެ އާންމު އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ސުންނާފަތިކޮށްލާފައެވެ.
އޮކްޓޯބަރު 10 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފެށި ފަހުން ވެސް، އިސްރާއީލުގެ ހަމަލާތަކުގައި 483 ފަލަސްތީނު މީހުން ޝަހީދުވެ، 1،287 މީހުން ވަނީ ޒަހަމްވެފައެވެ. ހަމައެއާއެކު، 2.4 މިލިއަން ފަލަސްތީނު މީހުން ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ގާޒާއަށް ކާބޯތަކެއްޗާއި، ހިޔާވަހިކަމުގެ ސާމާނާއި، ސިއްހީ ސާމާނު އެތެރެކުރުން އިސްރާއީލުން ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!