ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅުގެ ފައިނަލުގައި މިރޭ އެއްކޮޅުން ކުޅޭ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބަށް ހިތްވަރުދިނުމުގެ ގޮތުން އިއްޔެ އެރަށުގައި ސައިކަލް ބުރެއް ބާއްވައިފިއެވެ.
ނޮޅިވަރަންފަރު ކައުންސިލުގެ އިސްނެގުމާއެކު ބޭއްވި މި ސައިކަލް ބުރުގައި އެރަށުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
ނޮޅިވަރަންފަރުގެ ލާމިގަސް ޕާކުން ފެށި މި ސައިކަލް ބުރުގައި ބޭނުންކޮށްފައި ވަނީ ނޮޅިވަރަންފަރު ސްޕޯޓްސްގެ ކުލަތަކެވެ.

މި ސައިކަލް ބުރަށްފަހު ރައްޔިތުން ވަނީ ‘’ނޮޅިވަރަންފަރުގެ ރަން ފަހަރު’’ ކަމުގެ މެެސެޖުދޭ ބޯޑު ތަކާއެކު އެކު ޓީމަށް ހިތްވަރުގެ މެސެޖު ފޮނުވާފައެވެ.

މިރޭ 21:45 ގައި ހުޅުމާލޭ ފުޓްސަލް ގްރައުންޑް 2 ގައި ކުޅޭ ފައިނަލް މެޗު ބޮޑު ސްކްރީނުން ބެލުމުގެ އިންތިޒާމު ވެސް އެރަށުގައި ވަނީ މިރޭ ހަމަޖައްސާފައެވެ. ނޮޅިވަރަންފަރުގައި ޓީމަށް ސަޕޯޓްކޮށް ބޮޑު ސްކްރީންގައި މެޗު ބެލުން އޮންނާނީ އެރަށު ބަނދަރު ސަރަހައްދުގައެވެ.
މިއީ ނޮޅިވަރަންފަރު މި މުބާރާތުގެ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މި ފައިނަލްގައި ނޮޅިވަރަންފަރު ނުކުންނާނީ ހަތް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ނައިވާދޫ އާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!