މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކު މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދެއްވަދޫ، ދެކުނުގެ، އުމުރުން 30 އަހަރުގެ އަމީން ޢަބްދުލްހަމީދެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގް ބޯޓު ދޭތެރެއަށް މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:46 އެހައިކަންހާއިރުއެވެ. އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަމީން ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ކަމަށެވެ. މި ހާދިސާ ހިނގުމާއެކު، އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އިމަޖެންސީ ރެސްޕޮންސް ޓީމުން ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނިޔާވިއިރު އަމީން މަސައްކަތް ކުރަމުންދިޔައީ އެމްޕީއެލްގެ ފްލީޓް ސަރވިސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަޤާމުގައެވެ. އޭނާއަކީ 2020 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރަމުން އައި މުވައްޒަފެކެވެ.
އަމީން ނިޔާވުމާ ގުޅިގެން އެމްޕީއެލުން ވަނީ މަރުޙޫމްގެ ޢާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!