އެމެރިކާގެ ކުރީގެ ސަރުކާރުން ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލުގެ ތެރެއިން 1 ބިލިއަން ޑޮލަރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އަށް ދިނުމަށް ތައްޔާރަށް ހުންނެވިކަން ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން އިޢުލާން ކުރައްވައިފިއެވެ.
މި ބޯޑަކީ ޣައްޒާގެ ކަންކަން ބެލެހެއްޓުމަށްޓަކައި އުފެއްދުމަށް މަސައްކަތް ކުރަމުންދާ ބޯޑެކެވެ.
ޕޫޓިން އިތުރަށް ވިދާޅުވީ، ހިފަހައްޓާފައިވާ ފައިސާގެ ތެރެއިން ބާކީ ހުރި ބައި، ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގައި ސުންނާފަތިވި ސަރަހައްދުތައް އަލުން އާރާސްތުކުރުމަށް ބޭނުންކުރެވިދާނެ ކަމަށެވެ. ނަމަވެސް، މިފަދަ ފަންޑިންގއެއް ދެވޭނީ ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ކަމަށް ރަޝިޔާގެ ލީޑަރު ވަނީ ޝަރުތު ކުރައްވާފައެވެ.
ދައުވަތު ރަޝިޔާއިން ދިރާސާކުރާނެ
ޣައްޒާއަށްޓަކައި އުފައްދާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް، ދުނިޔޭގެ އެހެން ބައެއް ލީޑަރުންނާއެކު ޕޫޓިންއަށް ޓްރަމްޕް ވަނީ ދައުވަތު އަރުވާފައެވެ.
"އަޅުގަނޑުމެންނަށް ފޮނުވާފައިވާ ލިޔެކިޔުންތައް ދިރާސާކުރުމަށާއި، އަޅުގަނޑުމެންގެ އިސްތިރާތީޖީ ބައިވެރިންނާއެކު މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީއަށް މިހާރު ވަނީ އަންގާފައި،" މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވެފަވެއެވެ.
ޓީވީ މެދުވެރިކޮށް ދެއްކެވި ސަރުކާރުގެ ބައްދަލުވުމެއްގައި ޕޫޓިން އިތުރަށް ވިދާޅުވީ، މި ދައުވަތަށް ރަސްމީ ޖަވާބެއް ދެވޭނީ ފުރިހަމަ ދިރާސާތަކަށްފަހު ކަމަށެވެ. މިކަމާ ގުޅޭގޮތުން ކްރެމްލިންއިން އަދިވެސް ބުނަމުންދަނީ ދައުވަތު ދިރާސާކުރަމުންދާ ކަމަށެވެ.
ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ މި ގްރޫޕުގައި ބައިވެރިވުމަށް ޕޫޓިން މިހާރުވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. މި ބޯޑަކީ މެދުއިރުމަތީގެ ސުލްހައަށް އަމާޒުކޮށްގެން އުފައްދާ މުހިންމު އިދާރާއެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!