އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަތުރުކުރެއްވި ރަސްމީ މަތިންދާބޯޓު "އެއަރ ފޯސް ވަން" އަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން ކުރިމަތިވި ބޮޑު ލަސްވުމަކަށްފަހު، ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް 21 ޖެނުއަރީ 2026 ވާ ބުދަ ދުވަހު ސުވިޒަލޭންޑުގެ ދާވޯސްއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅު ފެށުނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ބޮއިންގް 747-200B މަރުކާގެ ބޯޓު ޖޮއިންޓް ބޭސް އެންޑްރޫސްއިން ފުރި ހިސާބުންނެވެ. ނަމަވެސް އުދުހެން ފެށިތާ 45 މިނެޓު ފަހުން ބޯޓުގެ ކުރޫއިންނަށް ކުޑަ އިލެކްޓްރިކަލް މައްސަލައެއް ފާހަގަކުރެވިގެން ބޯޓު ވަނީ އަނބުރާ މޭރީލޭންޑަށް ޖައްސާފައެވެ.
ބޯޓަށް ދިމާވި މައްސަލައާ ގުޅޭގޮތުން ޓްރަމްޕާއިއެކު ދަތުރުކުރި ރިޕޯޓަރުން ބުނީ، ބޯޓު ނައްޓާލިތާ މާގިނައިރުތަކެއް ނުވަނީސް ޕްރެސް ކެބިންގެ ބައްތިތައް ފަނޑުވެ ނިވުނު ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޓު އަނބުރާލުމަށްފަހު، ޓްރަމްޕް އެމަނިކުފާނުގެ ވަފުދު ވަނީ އެތެރެވަރީގެ ދަތުރުތަކުގައި ބޭނުންކުރާ ކުޑަ ބޮއިންގް 757 (އެއަރ ފޯސް C-32) އަކަށް ބަދަލުވެފައެވެ. މި ބަދަލާއެކު ދަތުރުފުޅު ތިން ގަޑިއިރަށް ލަސްވެގެން ދިޔައެވެ.
ބައްދަލުވުންތަކަށް ބުރޫއެރުން
މި ލަސްވުމުގެ ސަބަބުން ރައީސް ޓްރަމްޕް ސުވިސް އަލްޕްސްގައި ކުރިއަށް ގެންދަވަން އޮތް ތާވަލަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާރޒްއާއެކު ބޭއްވުމަށް ހަމަޖެހިފައި އޮތް މުހިންމު ބައްދަލުވުން ވަނީ ކެންސަލް ކުރެވިފައެވެ. ނަމަވެސް، ސީ.އީ.ޓީ ގަޑިން މެންދުރުފަހު 2:30 ގައި ކޮންގްރެސް ސެންޓަރުގައިޓްރަމްޕްގެ މުހިންމު ތަގުރީރެއް ދެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
މިއީ ފާއިތުވި ހަ އަހަރު ތެރޭގައި ރައީސް ޓްރަމްޕް ދާވޯސްއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ޒިޔާރަތް ދިމާވަނީ އެމަނިކުފާނުގެ ދެވަނަ ދައުރުގެ ހުވާކުރެއްވިތާ އެއް އަހަރު ފުރުނު ދުވަހާއެވެ. "އެމެރިކާ ފަސްޓް" ސިޔާސަތުގެ ދަށުން ޑެންމާކުގެ އަތުން ގްރީންލޭންޑް ހޯދުމަށް ކުރައްވާ މަސައްކަތާއި، ވިލާތުގެ ގައުމުތަކުން އެތެރެކުރާ މުދަލުން %10 އާއި %25 އާ ދެމެދުގެ ޓެރިފް ނަގާނެ ކަމުގެ އިންޒާރުގެ ސަބަބުން ދާވޯސްގެ މަސްރަހު އޮތީ ނުތަނަވަސްކޮށެވެ. ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވަނީ ބައިނަލްއަގުވާމީ ނިޒާމުގައި "ގަނާކުރާ މީހުންނާ" މެދު ސަމާލުވުމަށް އިންޒާރު ދެއްވާފައެވެ.
މި ހާދިސާއާއެކު އެއަރ ފޯސް ވަންގެ ބޯޓުތައް ބާވަމުންދާ މައްސަލައިގެ ބަހުސް ވަނީ އަލުން ހޫނުވެފައެވެ. އާ ބޯޓުތައް 2027 ގެ ކުރިން ލިބޭނެ ކަމަކަށް ނުބެލެވެއެވެ. ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް، ގަތަރުން ހަދިޔާކުރި ލަގްޒަރީ ބޯޓާ ގުޅުވައި މަޖާޒީ ގޮތަކަށް ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ ދިމާވި މައްސަލައަށްފަހު އެ ބޯޓު "މާ ބޮޑަށްވެސް ރަނގަޅު" ކަމަށް ހީވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!