ދެ ހަރަމްފުޅުގެ ޚާދިމް ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް، ރިޔާޒްގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ހެއްދެވި ސިއްޙީ ތަހުލީލުތަކުގެ ނަތީޖާ ރަނގަޅުވުމާ ގުޅިގެން، އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން ސައުދީ ރޯޔަލް ކޯޓުން ހުކުރު ދުވަހު އިޢުލާންކޮށްފިއެވެ.
ރޯޔަލް ކޯޓުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ކިންގް ސަލްމާން ހޮސްޕިޓަލުން ވަޑައިގަތީ ހަދަންޖެހޭ މުހިންމު ސިއްޙީ ތަހުލީލުތައް ފުރިހަމަ ކުރެއްވުމަށްފަހު، 16 ޖެނުއަރީ 2026 ވާ ހުކުރު ދުވަހު ކަމަށެވެ.
މި ތަހުލީލުތަކުގެ ނަތީޖާތައް ދައްކާގޮތުން އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި، ނަތީޖާތައް އުންމީދީ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސައުދީ ރޯޔަލް ކޯޓުގެ ބަޔާން ނިންމާލާފައިވަނީ ދެ ހަރަމްފުޅުގެ ޚާދިމަށް ދާއިމީ ދުޅަހެޔޮކަމާއި ސިއްޙަތު މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމުންނެވެ.
ކިންގް ސަލްމާން ހޮސްޕިޓަލުން ދޫކޮށްލެއްވި ޚަބަރާއެކު ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި އިސްލާމީ އުންމަތުގެ ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ހެޔޮ ދުޢާ ފޮނުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!