ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ 7 ލޯންޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.

މީގެ ތެރެއިން ތިން ލޯންޗެއް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

Ad
rt

މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ހެލްތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ "އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ" (އެޕްވެކްސް) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ 7 ލޯންޗްގެ ތެރެއިން ބާކީ ހުރި ލޯންޗްތައް މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖެ ގެނެވޭނެ ކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ލޯންޗްތަކުގެ ބޭނުމާއި ލިބޭނެ ލުއިފަސޭހަތައް

މި ލޯންޗްތަކަކީ އަތޮޅު ހޮސްޕިޓަލްތަކުގެ އައުޓްރީޗް ޕްރޮގްރާމްތައް ފުޅާކޮށް، އެހެނިހެން ރަށްރަށަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ގެނެވޭ އުޅަނދުތަކެކެވެ. މީގެ އިތުރުން، ރަށްތަކަށް ފަސޭހަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށާއި، ލެބޯޓްރީގެ ޚިދުމަތް ނެތް ރަށްރަށުން ސާމްޕަލްތައް އެ ޚިދުމަތް ލިބޭ ރަށްރަށަށް އުފުލުމަށް މި ލޯންޗްތައް ބޭނުންކުރެވޭނެއެވެ.

ހަމައެއާއެކު، ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ބަލިމީހުން އުފުލަންޖެހިއްޖެ ނަމަ، އެކަމަށް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް މި އުޅަނދުތައް ވަނީ ފަރުމާކުރެވިފައެވެ. މީގެ ސަބަބުން އިމަޖެންސީ ޙާލަތްތަކުގައި ބަލިމީހުންނަށް ދޭންޖެހޭ ފަރުވާ އަވަސްވެގެންދާނެއެވެ.

މި ޕްރޮޖެކްޓް ނިމުމުން ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަށް ލޯންޗްގެ ޚިދުމަތް ފޯރުކޮށްދެވި، ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. ޚާއްޞަކޮށް، ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ރަށްރަށަށް ގޮސް ބަލިމީހުން ބެލުމުގެ އިންތިޒާމްތައް މިހާރަށްވުރެ ހަރުދަނާވެ، އަތޮޅުތަކުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.