"މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
މި އެޖެންސީއަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އެޖެންސީ އުފެއްދެވީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު (ޤާނޫނު ނަންބަރު 30/2015) ގެ 38 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޤުޞަދުތައް ޙާޞިލުކުރުމަށެވެ. މިއީ ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރުކޮށްދިނުމަށްޓަކައި އުފެއްދެވި މުހިންމު އިދާރާއެކެވެ.
މި އެޖެންސީއަކީ އިދާރީ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސްއާ ގުޅިފައިވާ ތަނެއް ނަމަވެސް، އެ އިދާރާ ހިނގަމުންދާނީ މުސްތަޤިއްލު ބޯޑެއްގެ ދަށުންނެވެ. މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުޅިވަރުގެ މައިދާނުގައި ޑޯޕިންގ ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.
މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުން މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަށް ލިޔުއްވާ ސިޓީތަކުގައި ބޭނުންކުރައްވާނެ ނަންބަރަކީ 483 ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މި އެޖެންސީ އުފެއްދުމުގެ ބިންގަލަކީ 19 މޭ 2025 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ކުޅިވަރު ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙެވެ. މި އިޞްލާޙުގެ ދަށުން ރާއްޖޭގެ ކުޅިވަރުގެ މައިދާނަކީ މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި ވަސީލަތްތަކުން ސަލާމަތްވެފައިވާ، އިންޞާފުވެރި މާޙައުލަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!