ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިޔުޑީސީ) އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 17 ވާ ހޮނިހިރު ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.
މިފަހަރުގެ އިންތިޚާބުގެ ޚާއްޞަ ކަމަކީ ކެންޑިޑޭޓުންގެ ފޯމުތައް ހުށަހެޅުމުގައި ގެނެސްފައިވާ ބަދަލެވެ. އެގޮތުން، ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅަންޖެހެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލްކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
މި އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރާ 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުކުރާ 678 މެންބަރުންނެވެ.
ވޯޓުލުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވީ، ރަށްރަށާއި، މާލެ ސަރަޙައްދާއި، ރިސޯޓުތަކާއި، ޖަލުތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ދެ ޤައުމެއްގައި ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ. އެއީ ސްްރީލަންކާ އަދި މެލޭޝިއާގައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!