އިސްލާމީ އުންމަތް ބައިބައިކޮށް ބަލިކަށިކޮށް އިސްލާމީ ގައުމުތަކުގެ މުއްސަނދިކަން ފޭރިގަތުމަކީ ޒަމާނުއްސުރެ އިސްލާމްދީނުގެ އަދުވުއްވުންކަން ކުރަމުން އައިމަގެވެ. މިކަން ހާސިލް ކުޅައުމަށް ހަތިޔާރު އުފުލާ ކޮށްފައިވާ ހަނގުރާމަތަކާއި، ފިކުރީ ހަނގުރާމަތަކާއި، އޭޖެންޓުން މެދުވެރިކޮށް ހިންގާފައިވާ ބަޣާވާތްތައް ތާރީޚްގެ ސަފްޙާތަކުގައި ލިޔެވިފައިވެއެވެ.
ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި މުސްލިމުން ނިކަމެތި ކުރަމުން އަންނަ އަދުއްވުންނަށް އެ ދޮރު ހުޅުވިގެންދިޔުމުގައި އަމިއްލަ އެދުމުން ފޯވެފައިތިބި އިސްލާމުންގެ ސަފުން ނުކުމެދެންދާ ބައެއް މީހުންގެ ދައުރު އެކުލެވިގެންދާކަމީ ވެސް ފެންނަން އޮތް ހަގީގަތެކެވެ. އިސްލާމުންގެ އަދުވުއްވުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި މުސްލިމުން ބައިބައިކޮށް، މުސްލިމުންގެ ސަފުތައް ރޫޅަމުންދާއިރު، އެ އަދުއްވުންގެ އަމިއްލަ ގައުމުތަކުގައި އިންސާނީ ހައްގަކީ ނަމެއްގައި އޮންނަ އެއްޗެކެވެ. ފަލަސްތީނާއި ޣައްޒާގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ޔަހޫދީން ދެމުން އަންނަ އަނިޔާތަކަށް ހުޅަނގާއި އެމެރިކާ ލޯ މަރާލައިގެން ތިބުމުން އެބައިމީހުންގެ އިންސާނީ ޙައްޤުތަކުގެ މިންވަރު ސާފުވާ ކުޑަ މިސާލަކަށް އެކަން ފުދެއެވެ.
އީރާނުގެ ހަމަނުޖެހުންތަކަށް ހިތްވަރުދޭ ޔަހޫދީންތަކެއް، އީރާނަކީ އެ ސަރަހައްދުގައި ޔަހޫދީން ބޭނުންހާ ކަމެއް ކުރުމަށް އޮތް އެންމެ ބޮޑު ހުރަސް،
މިސްރާއީ، ލީބިޔާއާއި، އިރާގާއި، ކުވައިތާއި، ސީރިޔާ އާއި އުރުދުންނާއި މިނޫންވެސް އިސްލާމީ ދައުލަތްތައް ހުޅަނގުގެ މުށުތެރެއަށްލާފައިވާއިރު، ހުޅަނގަށް މިހާތަނަށް ބަލިނުކުރެވި އޮތް އެންމެ ވަރުގަދަ ހިތްވަރަކީ އީރާނެވެ. އެކަން ކުރުމަށް 12 ދުވަހުގެ ހަނގުރާމައެއް ޔަހޫދީ އިސްރާލު ބައިގަނޑާއި، އެމެރިކާ ގުޅިގެންކޮށް އެކަން ވެސް ވަނީ ނާކާމިޔާބުވެފައެވެ. އެ ނާކާމިޔާބީއާއި އެކު ދެން ދިމާކޮށްފައި ވަނީ އީރާންގެ އެތެރޭގެ ހަލަބޮލިކަން އުފައްދައި ވެރިކަން ވައްޓާލެވޭނެ މަގެއް ކޮށުމަށެވެ. އަމިއްލަ އަސްކަރީ ގާބިލުކަން އިތުރުކޮށް، ގައުމު ދިފާއު ކުރުމަކީ އީރާނަށް އޮތް ހައްގެއްނޫންކަމަށް ކަނޑައަޅައި، އެ ގައުމާމެދު އަޅާފައިވާ ދިގުމުއްދަތުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއިއެކު ކުރިމަތިވި އިގްތިސޯދީ ދަތިކަމުގެ ތެރެއިން އެ ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުމުގައި ހުޅަނގާއި އެމެރިކާ އަދި އިސްރާއީލް ކާމިޔާބު މިވަނީ ހޯދާފައެވެ. މިކަމުގެ އިސް މޭސްތިރިއެއްގެ ގޮތުގައި ފެންނަމުން ދަނީ އީރާނުގެ އެންމެ ފަހުގެ ރަސްގެފާނު (ޝާހް) މުޙައްމަދު ރިޒާ ޕަހްލަވީ އާއި އެމްޕްރެސް ފަރަޙް ޕަހްލަވީގެ ދޮށީ ފިރިހެން ދަރިކަލުން ރެޒާ ޕަހްލަވީ އެވެ.
31 އޮކްޓޫބަރު 1960 ގައި އުފަންވި މި ބޭފުޅަކީ އީރާނުގެ ރަސްކަމުގެ ތަޚުތުގެ ވާރިސެވެ. ނަމަވެސް 1979 ވަނަ އަހަރު އައި އިސްލާމީ އިންގިލާބާއެކު އީރާނުގެ ރަސްކަން އުވާލުމުން، އޭނާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލަ އަރުވާލެވިގެން ގައުމުން ބޭރުގައެވެ.
ރެޒާ ޕަހްލަވީ ޔަހޫދީންނާއެކު އަޅުކަމުގައި ބައިވެރި ވަނީ، ފޮޓޯ: އައި24 ނިއުސް
ޅަފަތުގެ ދުވަސްތަކާއި ތައުލީމު
ރެޒާ ޕަހްލަވީއަށް ރަސްމީކޮށް ވަލީއަހުދުކަން އެރުވުނީ 1967 ވަނަ އަހަރުއެވެ. އޭނާ ޒުވާން ދުވަސްވަރު ހޭދަކުރެއްވީ އީރާނުގެ ޝާހީ ގަނޑުވަރުގައެވެ. ނަމަވެސް، 1978 ވަނަ އަހަރު އުމުރުފުޅުން އެންމެ 17 އަހަރުގައި، މިލިޓަރީ ޕައިލެޓް ޓްރެއިނިންގ ހެއްދެވުމަށް އެމެރިކާއަށް ވަޑައިގަތެވެ. ޚާއްޞަކޮށް ޓެކްސަސްގައި ހުންނަ އެމެރިކާގެ އެއާފޯސް ބޭހުގައި ޖެޓް ފައިޓަރު ދުއްވުމުގެ ތަމްރީނުތައް ފެއްޓެވިއެވެ. މި ތަމްރީނުތަކުގައި ހުންނަވަނިކޮށް އީރާނުގެ ސިޔާސީ މަސްރަހު ބަދަލުވެ، އިންގިލާބުގެ ސަބަބުން އޭނާގެ ބައްޕާފުޅަށް ގައުމު ދޫކޮށް ވަޑައިގަންނަވަން ޖެހުނެވެ.
އަރުވާލެވިގެން އުޅުއްވުން އަދި އާއިލީ ދިރިއުޅުއްވުން
1979 ގެ އިންގިލާބަށްފަހު ރެޒާ ޕަހްލަވީއަށް އެނބުރި ގައުމަށް ވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. 1980 ވަނަ އަހަރު ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން، އަރުވާލެވިފައިވާ ޝާހީ ކޯޓުން ވަނީ އޭނާ އީރާނުގެ އާ ރަސްގެފާނު ކަމުގައި އިއުލާނުކޮށްފައެވެ. އޭނާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ޔަސްމީން އިޢުތިމާދު-އަމީނީ އާއެވެ. މި ދެމަފިރިންނަށް ތިން އަންހެން ދަރިކަލުން ލިބިވަޑައިގެންފައިވެއެވެ. އެއީ ނޫރު، އީމާން އަދި ފަރަޙް އެވެ. މިހާރު އެމަނިކުފާނު މައިގަނޑު ގޮތެއްގައި ދިރިއުޅުއްވަނީ އެމެރިކާގެ ވޮޝިންޓަން ޑީ.ސީ. ސަރަހައްދުގައެވެ.
ސިޔާސީ ތަސައްވުރާއި ސެކިއުލަރ ޑިމޮކްރަސީ
ރެޒާ ޕަހްލަވީ އަކީ އީރާނުގެ މިހާރުގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ އެންމެ ނުފޫޒުގަދަ އެކަކެވެ. އޭނާ ވަކާލާތު ކުރައްވަނީ އީރާނުގައި ސެކިއުލަރ ޑިމޮކްރަސީއެއް ގާއިމުކުރުމަށެވެ. އޭނާ ގަބޫލުފުޅުކުރައްވާ ގޮތުގައި ދައުލަތް ހިންގުމާއި ދީނަކީ ވަކިކުރެވިފައިވާ ދެ ކަންތައް ކަމުގައި ވާންޖެހެއެވެ. އީރާނުގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވަނީ، އީރާނުގައި އޮންނަންވީ ދުސްތޫރީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔާއެއްތޯ ނިންމާނީ އީރާނުގެ ރައްޔިތުން މިނިވަން ވޯޓަކުން ކަމަށެވެ.
ރެޒާ ޕަހްލަވީ ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ އާއި މަޝްވަރާ ކުރަނީ،
ބައިނަލްއަގުވާމީ ގުޅުންތަކާއި ދީނީ މިނިވަންކަން
ދީނީ މިނިވަންކަމަށް ބާރުއަޅުއްވައި، ރެޒާ ޕަހްލަވީ ވަނީ ތަފާތު ދީންތަކުގެ މީހުންނާއެކު ގާތް ގުޅުމެއް ބާއްވަވާފައެވެ. މިގޮތުން އިސްރާއީލަށް ކުރެއްވި ޒިޔާރަތްތަކުގައި ޔަހޫދީންގެ މުގައްދަސް ބިނާއެއް ކަމަށްވާ ހުޅަނގު ފާރު (Western Wall) ކައިރީގައި ދުއާކޮށް، ހޮލޯކޯސްޓްގެ ހަނދާންތައް އާކޮށްފައިވެއެވެ. މީގެ އިތުރުން ހައިފާގައި ހުންނަ ބަހާއީންގެ މުގައްދަސް ބިނާތަކަށް ޒިޔާރަތްކުރައްވައި، އެ މުޖުތަމައުއަށް ކުރިމަތިވާ ގޮންޖެހުންތަކުގައި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އޭނާ އަކީ ޝިއައީ މުސްލިމެއް ކަމަށް ބުނެވެއެވެ.
ރެޒާ ޕަހްލަވީ އަށް އީރާނުގައި ކުރާ ތާއީދާއި ބޭރުގެ ތާއީދު
ރެޒާ ޕަހްލަވީ އަށް އީރާނުގައި ތާއީދުކޮށް މަގުތަކަށް ނުކުންނަ މީހުންގެ މަންޒަރުތަކުން އަދަބު އަޚްލާގުން އެއްކިބާވެ، އިސްލާމީ އުސޫކުތަކާއި ޚިލާފް ކަންކަން ކުރާތަން ފެނެއެވެ. އަދި އިސްރާއީލުގެ ދިދައާއި އެ މީހުން ބޭނުންވާ އީރާނުގެ ދިދައާއި އެކު މުޒާހަރާތައް ކުރާތީ ރެޒާ އަކީ ''ޔަހޫދީންގެ އެޖެންޓެއް'' ކަމަށް ވެސް އެއްބަޔަކު ބުނެއެވެ. އަނެއްކޮޅުން އޭނާ އަށް އެންމެ ހިތްވަރުދެމުންދަނީ އެމެރިކާ އާއި އިސްރާއީލުންކަމުން އީރާނުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާއި އޭނާގެ ދައުރާމެދު ގިނަ ޖަވާބުތަކެއް ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!