އިންޑިއާގެ ލޯކްސަބާގެ ރައީސް ޝްރީ އޯމް ބިރްލާ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުުއްރަހީމް އަބްދުﷲ އާ ބައްދަލުކުރައްވައި، ބަރުލަމާނީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އޯމް ބިރްލާ ވަނީ މިހާރު ކުރިއަށްދާ ކޮންފަރެންސްގައި ދިވެހި ވަފުދުން ބައިވެރިވީތީ އެކަން ފާހަގަކުރައްވައި ތައުރީފު ކުރައްވާފައެވެ.
''ސްޕީކަރ އޮފް ލޮކްސަބާ'' ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މި ގުޅުމަކީ ދެ ގައުމުން ހިއްސާކުރާ ޑިމޮކްރެޓިކް އަގުތަކާއި، ދެފަރާތުގެ މެދުގައި އޮތް އިހުތިރާމާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް އޮތް އެއްގޮތް މަގްސަދުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެ ބޭފުޅުން ފާހަގަކުރެއްވިކަމަށެވެ. އަދި ފަހަކަށް އައިސް ދެ ގައުމުގެ މެދުގައި ކުރެވުނު މަތީ ފަންތީގެ ޒިޔާރަތްތަކުގެ ސަބަބުން މި ގުޅުން އިތުރަށް ވަރުގަދަވެފައިވާކަންވެސް ފާހަގަކުރެވޭކަމަށް ވެސް ބުނެފަވެއެވެ.
ދާއިރާތަކުން އެއްބާރުލުން ދިނުން
މި ބައްދަލުވުމުގައި ލީޑަޝިޕް ފަންތީގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބޭއްވުމާ ބެހޭގޮތުންނާއި، ދިފާއީ ދާއިރާ، ސަލާމަތީ ކަންކަން، އިންފްރާސްޓްރަކްޗަރ އަދި އިޖުތިމާއީ ތަރައްގީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދެ މަޖިލީހުގެ ރައީސުން ހިޔާލު ބަދަލުކުރެއްވިއެވެ. ދެ ގައުމުގެ ގުޅުމުގެ މުހިންމު ތަނބެއްގެ ގޮތުގައި ބަރުލަމާނީ އެއްބާރުލުން ފާހަގަކުރައްވައި، ހެޔޮވެރިކަމާއި، އީޖާދީ ކަންކަމާއި، ގާނޫނު ހެދުމުގެ ދާއިރާގައި ހުރި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމަށް ދެފަރާތުން އެއްބަސްވިއެވެ.
ޑިޖިޓަލް ނިޒާމުތަކާއި ގާބިލުކަން އިތުރުކުރުން
މި ބައްދަލުވުމުގައި އިންޑިއާގެ ޕާލަމެންޓުން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކާއި، ގިނަ ބަސްބަހުން ވަގުތުން ތަރުޖަމާކުރުމުގެ ނިޒާމުތަކުގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. މީގެ އިތުރުން ޑިޖިޓަލް ބަރުލަމާނީ ނިޒާމުތަކާއި، ރައްޔިތުންނަށް އިސްކަންދޭ ބަރުލަމާނީ ހިންގުމުގެ ތަޖުރިބާ ހިއްސާކުރުމަށްވެސް އިންޑިއާއިން ޝައުގުވެރިކަން ފާޅުކުރިއެވެ.
މީގެ އިތުރުން، 'ޕްރައިޑް' މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ޕާލަމެންޓުން ވަނީ ހުށަހަޅާފައެވެ. މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ބަރުލަމާނީ ނިޒާމު އިތުރަށް ހަރުދަނާވެ، ބައިނަލްއަގުވާމީ މައިދާންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!