އުމުރުން 20 އަހަރުގެ ފަލަސްތީނުގެ ބަތޫލް އަބޫ ޝާވިޝްގެ ބައްޕައާއި، މަންމައާއި، ދެ ބޭަފުޅުންނާއި ދެ އަންހެން ކޮއްކޮ އާއި މުޅި އާއިލާ ހިމެނެނީ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލި 71,250 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންގެ ތެރޭގައެވެ.
ބަތޫލް އާ އަހަރާ ކުރިމަތިލަނީ އެންމެ ކަމަކަށް އެދެމުންނެވެ. އެއީ އޭނާގެ އާއިލާއާއެކުވުމެވެ.
އޭނާގެ ހިތްފަޅައިގެންދާ ފަދަ މި ބޮޑު ގެއްލުން ކުރިމަތިވީ އަހަރު ނިމެން އެންމެ މަހަކަށް ވެފައި ވަނިކޮށް، ނޮވެމްބަރު 22 ގައެވެ.
ހަނގުރާމަ ހުއްޓާލާފައި އޮތް ނަމަވެސް، އިސްރާއީލުގެ ބޮމެއް އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރާތު ރެފިއުޖީ ކޭމްޕުގައި އޭނާގެ އާއިލާ ހިމާޔަތް ހޯދައިގެން ތިބި ގެއަށެވެ.
"އަހަރެން އިނީ އަހަރެންގެ ދެ އަންހެން ކޮއްކޮއާއެކު. އަހަރެންގެ ފިރިހެން ކޮއްކޮމެން ތިބީ އެމީހުންގެ ކޮޓަރީގައި، ބައްޕަ އޭރު ހުރީ ދެންމެއަކު ބޭރުން އައިސް، އަދި މަންމަ ދިޔައީ ބަދިގޭގައި ކާއެއްޗެހި ތައްޔާރުކުރަމުން،" އެ ދުވަހުގެ ވާހަކަ ކިޔައިދެމުން، ހުސްކަން ފެންނަން ހުރި ދެލޮލާއެކު އޭނާ ހަނދާން އާކުރިއެވެ.
"އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި، ހުރިހާ ތަނެއް އަނދިރިވެ، ބޯ ހިރަފުހުން ފުރިގެންދިޔަ. ލިބުނު ކުއްލި ސިހުމެއްގެ ބޮޑުކަމުން، ވަށައިގެންވަނީ ކީއްކަމެއް، އަދި އެއީ ބޮން އެޅުމެއްކަންވެސް އަހަންނަކަށް ރޭކައެއް ނުލި،" ސުންނާފަތިވެފައިވާ އޭނާގެ ގޭގެ ކައިރީގައި ހުރެ ބަތޫލް އިތުރަށް ކިޔައިދިނެވެ.
ސުންނާފަތިވި ގޭގެ ކުނިބުނިތަކުގެ ދަށުގައި، ގުޑިވެސް ނުލެވި، އެހީއަށް އެދި ގޮވަގޮވައި އޭނާ ގަޑިއެއްހާއިރު ތާށިވެފައި އޮތެވެ.
"ވަމުންދިޔަ ކަންތައްތަކެއް އަހަންނަކަށް ގަބޫލެއް ނުކުރެވުނު. އަހަރެންގެ އާއިލާއަށް ވީގޮތަކާ މެދު ކުރެވޭ ފިކުރުތަކުން ސަލާމަތްވުމަށްޓަކައި، އެއްވެސް ކަމެއް ނޭނގޭ ހާލުގައި މަރުވުމަށް އަހަރެން އެދެވުނު،" ބަތޫލް ބުންޏެވެ.
"އަހަރެން އެމީހުންނަށް ވަކިވަކިން ގޮވިން، އެކަމަކު އެއްވެސް އަޑެއް ނީވުނު. މަންމަ، ބައްޕަ، އެއްބަނޑު އެއްބަފާ މީހުން، އެކަކުގެވެސް އަޑެއް ނީވުނު."
ސަލާމަތްކުރުމަށްފަހު، އޭނާގެ އަތަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން އެނގުމުން ވަގުތުން ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ.
"އަހަރެން ބޭއްވީ ފޮތިގަނޑުތަކުން ނިވާކޮށްފައިވާ، ނެރެފައިވާ ފުރާނަނެތް މަސްގަނޑުތަކެއްގެ މަތީގައި އޮތް ސްޓްރެޗަރެއްގައި. އަހަރެން ބިރުގަނެ، އަހަންނާއެކު ހުރި ބޮޑުބޭބެ ގާތު އެހިން: 'މިއީ ކޮން ބައެއް؟' އޭނާ ބުނީ އެއީ އަހަރެމެންގެ ގޭގެ އަވަށްޓެރި ގޭގެ މީހުން ކަމަށް،" އޭނާ ހަނދާން އާކުރިއެވެ.
ބަތޫލް ހޮސްޕިޓަލަށް ގެންދެވުނު ގޮތަށް، އޭނާގެ އާއިލާއަށް ވީގޮތެއް އެނގުމުގެ ކުރިން، އަތުގެ ކުއްލި އޮޕަރޭޝަނަކަށް ވައްދައިފިއެވެ.
"އަހަރެން އެންމެން ގާތު އަހަމުން ދިޔައިން، 'ކޮބާ އަހަރެންގެ މަންމަ؟ ކޮބާ އަހަރެންގެ ބައްޕަ؟' އެމީހުން ބުނަމުން ދިޔައީ އެމީހުން ރަނގަޅޭ، އެހެން ޑިޕާޓްމަންޓްތަކުގައި އަނިޔާވެގެން އެބަތިއްބޭ." ބަތޫލް ކިޔައިދިނެވެ.
"އަހަރެން އެމީހުންގެ ވާހަކައެއް ގަބޫލެއް ނުކުރަން،" ބަތޫލް އިތުރަށް ބުންޏެވެ، "އެކަމަކު އެއީ ދޮގުވެރިންނޭ ބުނަންވެސް އަހަރެން ބިރުގަތް."
ޖެހިގެން އައި ދުވަހު، ބަތޫލްގެ މަންމައާއި އެއްބަނޑު އެއްބަފާ އެންމެން މަރުވި ޚަބަރު އޭނާގެ ބޮޑުބޭބެމެން ދިނެވެ. ބައްޕަ އަދިވެސް އޮތީ އައި.ސީ.ޔޫގައި ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށް އެމީހުން ބުންޏެވެ.
"އެމީހުން އަހަރެންގެ ވަށައިގެން ޖަމާވެ، އެންމެން ރޮމުން ދިޔަ. އަހަންނަށް އަމިއްލައަށް ކަންތައް ވީގޮތް ވިސްނުނު،" އޭނާ ބުންޏެވެ.
"އަހަރެން މުޅިން މާޔޫސްވެ، ގަބޫލުނުކުރެވި ހުރެ ރޮމުން ދިޔައިން. ދެން ޖަނާޒާގެ ކުރިން އެމީހުންނަށް ވަކިވަކިން އަލްވަދާއު ކީން." ބަތޫލް ކިޔައިދީފަވެއެވެ.
މި ހާދިސާ ހިނގިތާ ތިން ދުވަސް ފަހުން، ބަތޫލްގެ ބައްޕަވެސް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވިއެވެ. އެއާއެކު، އޭނާގެ ހިތާމަތަކާ އެކަނި ކުރިމަތިލާން ޖެހުނެވެ.
"އަހަރެން ކޮންމެ ދުވަހަކު އައި.ސީ.ޔޫއަށް ގޮސް ބައްޕަގެ ކަންފަތްދޮށުގައި ސިއްރުން ބުނަން، އަހަންނަށްޓަކައި އަދި ބައްޕައަށްޓަކައިވެސް އަލުން ހޭލާށޭ. އެކަމަކު ބައްޕަ އޮތީ މުޅިން ހޭނެތިފައި،" ފޯނުން ބައްޕަގެ ފޮޓޯތައް ބަލަމުން ބަތޫލް ބުންޏެވެ.
"ބައްޕަ މަރުވުމުން، އަހަރެންގެ ލޯމައްޗަށް މުޅި ދުނިޔެ އެކީގައި އަނދިރިވެގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނު." ކަރުނުން ފޯވެފައިވާ އިނދެ ބަތޫލް ކިޔައިދީފަވެއެވެ.
ބަތޫލް ފޯނުގައި ހިފަހައްޓައިގެން، އޭނާގެ ބައްޕަ، މަންމަ، އަދި އެއްބަނޑު އެއްބަފާ މުޙައްމަދު، ޔޫސުފް، ތައިމާ، އަދި ހަބީބާ ހިމެނޭހެން އާއިލާއާއިއެކު ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: ޢަބްދުލްހަކީމް އަބޫ ރިޔާޝް/އަލްޖަޒީރާ
ޢާއިލާއިން ދިރިހުރީ ހަމައެކަނި ބަތޫލް
އިސްރާއީލުން ބުނި ގޮތުގައި ނުސީރާތަށް ހަމަލާދިނީ، އިސްރާއީލުން ހިފާފައިވާ ސަރަހައްދަށް ހަތިޔާރު އެޅި މީހަކު ވަތް ކަމަށް ބުނެ އެކަމުގެ ރައްދުގައެވެ. ނަމަވެސް، އެކަމުގެ ސަބަބުން ނުސީރާތުގެ އާންމުންގެ ގެދޮރަށް ހަމަލާ އަމާޒުކުރި ސަބަބެއް ސާފެއް ނޫނެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހާއި ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމާ ހަމައަށް، ޣައްޒާގައި ހިނގި ހަނގުރާމައިގައި ފަލަސްތީނުގެ ގާތްގަނޑަކަށް 2,613 އާއިލާއެއް މުޅިން ނެތިގޮސްފައިވެއެވެ.
އެ އާއިލާތަކުގެ ހުރިހާ މެންބަރުން މަރުވެ، އެމީހުންގެ ނަންތައް ވަނީ މަދަނީ ރަޖިސްޓްރީން ފޮހެވިފައެވެ.ހަމަ އެ ހިސާބުތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 5,943 އާއިލާއެއްގެ ހުރިހާ މެންބަރުން ޝަހީދުވެ، ދުނިޔޭގައި ބާކީ ހުރީ އެންމެ މެންބަރެކެވެ. މިއީ މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވި އިޖުތިމާއީ އަދި އިންސާނީ ގެއްލުމުގެ ބޮޑުމިން ހާމަކޮށްދޭ ހިތްދަތި ކަމެކެވެ.
މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރިއަށްދާ ވަރަކަށް އަދި އިމާރާތްތަކުގެ ކުނިތަކުގެ ދަށުން ހަށިތައް ފެންނަމުންދާ ވަރަކަށް، މި އަދަދުތަކަށް ބަދަލު އައުން އެކަށީގެންވެއެވެ.
ބަތޫލްއަށް އޭނާގެ އާއިލާއަކީ އާދައިގެ އާއިލާއެއް ނޫނެވެ؛ އެއީ އެކަކު އަނެކަކަށް އޮންނަ ގާތްކަމާއި ލޯތްބަށް މަޝްހޫރު އާއިލާއެކެވެ.
"ބައްޕަ މަންމައާ ވަރަށް ގާތް ގުޅުމެއް ބޭއްވި. އަދި އެއްވެސް މީހެއްގެ ކުރިމަތީގައި މަންމަދެކެވާ ލޯބި ފާޅުކުރަން ބައްޕަ ފަހަކަށް ނުޖެހޭ. އެކަމުގެ އަސަރު އަހަރެމެން އެންމެންގެ މައްޗަށް ކުރި،" އޭނާ ބުންޏެވެ.
"މަންމައަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަދި އަހަރެންގެ އެއްބަނޑު އެއްބަފާ މީހުން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވޭ. އަހަރެމެންގެ ގެއަކީ އުފާވެރިކަމާއި ހިތްހަމަޖެހުމުން ފުރިގެންވީ ތަނެއް،" އޭނާ އިތުރަށް ކިޔައިދިނެވެ.
"ހަނގުރާމައިގެ ތެރޭގައިވެސް، އަހަރެމެން އެކުގައި ތިބެ، އާއިލީ ބައްދަލުވުންތައް ބާއްވައި، ކުރިމަތިވަމުންދިޔަ ދަތިތަކުން އަރައިގަތުމަށް އެކަކު އަނެކަކަށް އެހީތެރިވިން."
ބަތޫލްއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގެ ސަބަބުން، އާ އަހަރަކަށް ކުރާނެ އުންމީދެއް ނުވަތަ ކުރިމަގާ ބެހޭގޮތުން ދައްކާނެ ވާހަކައެއް ނެތެވެ، މަދުވެގެން މިވަގުތަކަށް ނެތެވެ.
ނަމަވެސް، އެއް ސުވާލެއް އޭނާގެ ހިތުގައި ބަރުވެފައިވެއެވެ: އޭނާގެ ސުލްހަވެރި އާއިލާއަށް އަމާޒުކުރީ ކީއްވެގެން ހެއްޔެވެ؟ ވަކިން ހާއްސަކޮށް ހަނގުރާމަ ހުއްޓާލާފައި އޮތް ވަގުތެއްގައި އެކަން ކުރީ ކީއްވެ ހެއްޔެވެ؟
"އެމީހުން އެ ދައްކާ ހަނގުރާމަ ހުއްޓާލުމުގެ ވާހަކައަކީ ކޮބައިތަ؟ އެއީ ހުސް ދޮގު،" އޭނާ ބުންޏެވެ.
"އަހަރެންނާއި އަހަރެންގެ އާއިލާ ބޮން އެޅުމުން ސަލާމަތްވެ، ދެ އަހަރުގެ ހަނގުރާމައިގައި ކެތްކުރިން. އިރުމަތީ ނުސީރާތުގައި ހުރި އަހަރެމެންގެ ގޭގެ ކައިރީގައި ހުރި އެޕާޓްމަންޓަކަށް ހަމަލާދިނުމުން، އަހަރެމެން އެންމެން އެކުގައި މިތަނަށް ފިލަން އައީ. ބަނޑުހައިހޫނުކަމާއި، ކާބޯތަކެތީގެ ދަތިކަމާއި، ބިރުވެރިކަމުގައި އަހަރެމެން އެކުގައި އުޅުނިން. ދެން އަހަރެމެން ހީކުރީ ސަލާމަތްވެއްޖެ ކަމަށް، ހަނގުރާމަ ނިމުނީ ކަމަށް." ބަތޫލް ބުނެފަވެއެވެ.
މިއީ އިސްރާއީލުގެ ޒަމާންވީ ލާއިންސާނީ އަނިޔާ ތަހައްމަލުކުރަމުންދާ އެތައްހާސް ފަލަސްތީނުގެ ރައްޔިތުންކުރެ އެއް ރައްޔިތެއްގެ ވާހަކަތަކެވެ. ދުޢާއަކީ ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ކެތްތެރިކަންދެއްވައި، އަދުއްވުންގެ ކިބައިން ސަލާމަތްތެރިކަމާއި ފުރިހަމަ މިނިވަންކަން ލިބިގެންދިޔުމެވެ.
ނޯޓު: މިއީ އަލްޖަޒީރާގެ ނޫސްވެރިއެއްކަމަށްވާ ''މަރަމް ހުމައިދު'' ލިޔެފައިވާ ރިޕޯޓެއް އަސްލަކަށް ބަލައިގެން ގެނެސްދީފައިވާ ލިޔުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!