މުސްލިމެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ކަމަކީ މަތިވެރި އަޚްލާޤެއްގެ ވެރިއަކަށް ވުމެވެ. އިސްލާމްދީން ފެށުނީއްސުރެ، ކީރިތި ރަސޫލާ ﷺ އެންމެ ބޮޑު އިސްކަމެއް ދެއްވީ މުސްލިމުންނަށް އެންމެ ރީތި އަދަބުތަކާއި ސިފަތައް އުނގަންނައިދެއްވައި ތަރުބިއްޔަތު ކުރެއްވުމަށެވެ. އެކަލޭގެފާނުގެ އަމަލީ ދިރިއުޅުއްވުމާއި އުޅުއްވުން ހުރީ ﷲ ތަޢާލާ އެކަލޭގެފާނަށް ބާވައިލެއްވި އުނގަންނައިދެއްވުންތަކާ އެއްގޮތަށެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ ރަސޫލާ ﷺ ގެ އަޚްލާޤީ ސިފަފުޅާ ބެހޭގޮތުން ވަޙީކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. (މާނައީ): "އަދި ހަމަކަށަވަރުން، ކަލޭގެފާނު ހުންނެވީ މަތިވެރިވެގެންވާ އަޚްލާޤެއްގެ މަތީގައެވެ." [އަލްޤަލަމް: 4]
ރަސޫލާ ﷺ ގެ މަތިވެރި އަޚްލާޤުގެ ސަބަބުން، އެކަލޭގެފާނަކީ ހަމައެކަނި މުސްލިމުންނަށް އޮތް ނަމޫނާއެއް ނޫނެވެ. އަދި ކިއެއްތަ، މުޅި އިންސާނިއްޔަތަށް އޮތް ނަމޫނާއެކެވެ. ރީތި އަޚްލާޤަކީ މުސްލިމުންނަށް ކިހާ މުހިންމު ކަމެއްކަން ރަސޫލާ ﷺ އަބަދުވެސް ހަނދާންކޮށްދެއްވައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، އަޚްލާޤުގެ ގޮތުން އެންމެ ރަނގަޅު މީހާއެވެ." [ބުޚާރީ އަދި މުސްލިމް]
އެހެން ޞައްޙަ ރިވާޔަތެއްގައި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ޤިޔާމަތް ދުވަހު މުއުމިން އަޅާގެ ތިލަފަތުގައި ބެހެއްޓޭ އެންމެ ބަރު އެއްޗަކީ ރީތި އަޚްލާޤެވެ. އަދި ހަމަކަށަވަރުން، ހުތުރު ބަސްތައް ބުނެއުޅޭ މީހާދެކެ ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވައެވެ." [ބައިހަޤީ]
މީހަކު ސުވަރުގެއަށް ވައްދާނީ ކޮން އަމަލެއްތޯ ރަސޫލާ ﷺ އާ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ: "ތަޤުވާވެރިކަމާއި ރީތި އަޚްލާޤެވެ."
އެހެން ރިވާޔަތްތަކެއްގައި، މުސްލިމުންގެ މެދުގައި ހުރި ތަފާތުތައް އެމީހުންގެ އަޚްލާޤުގެ މައްޗަށް ބިނާކޮށް ރަސޫލާ ﷺ ބަޔާންކޮށްދެއްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަ މީހަކީ، އެމީހުންގެ ތެރެއިން އަޚްލާޤު އެންމެ ރަނގަޅު މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، އެމީހެއްގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާއެވެ." [އަޙްމަދު]
އަދި ރީތި އަޚްލާޤުގެ ސަބަބުން ސުވަރުގޭގައި މީހުންނަށް ލިބޭ ދަރަޖަ ތަފާތުވާނެކަން ބަޔާންކުރައްވައި ޙަދީޘްކުރެއްވިއެވެ: "ޤިޔާމަތް ދުވަހު ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނަށް އެންމެ ލޯބިވެތި، އަދި އެންމެ އަރިސްވާނީ އަޚްލާޤުގެ ގޮތުން އެންމެ ރަނގަޅު މީހާއެވެ..." [އިބްނު އައްނައްޖާރު]
ދެން އިސްލާމީ އަޚްލާޤީ ނިޒާމާއި، މިއަދު ދުނިޔޭގައި ހުރި އެހެނިހެން އަޚްލާޤީ ނިޒާމުތަކާ ހުރި ތަފާތާ ބެހޭގޮތުން ވާހަކަދައްކާލަމާ ހިނގާށެވެ.
އެހެން އަޚްލާޤީ ނިޒާމުތަކާ ޚިލާފަށް، އިސްލާމީ އަޚްލާޤީ ނިޒާމު ބިނާވެފައިވަނީ އިލާހީ މަޞްދަރެއްގެ މައްޗަށެވެ. އެއީ ﷲ ތަޢާލާގެ ވަޙީއެވެ. އެހެންކަމުން، މި ނިޒާމަކީ އަހަރެމެންގެ އެދުންތަކާއި ފަސޭހައަށްޓަކައި ބަދަލުކުރެވޭނެ ނުވަތަ އޮޅުވާލެވޭނެ އެއްޗެއް ނޫނެވެ. މިއީ ކޮންމެ ތަނެއްގައި އަދި ކޮންމެ ޒަމާނެއްގައިވެސް ހިނގާނެ އުސޫލުތަކެކެވެ. މި ނިޒާމަކީ އެތައް ހާސް އަހަރެއް ވަންދެން ބަދަލުނުވެ އޮތް، މިއަދުވެސް ބަދަލުނުކުރެވޭނެ، އަދި ޤިޔާމަތާ ހަމައަށްވެސް ބަދަލުނުވާނެ ނިޒާމެކެވެ. މުޅި ދުނިޔެ ބޭނުންވި ނަމަވެސް، މި ނިޒާމަށް ބަދަލެއް ގެނައުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނެއް ނުވެއެވެ.މާޒީގައި ރަނގަޅު އަޚްލާޤީ ސިފަތަކެއް ކަމުގައި ބެލެވުނު ކަންކަން، ޒަމާންތަކަށް ދެމިގެންދާނީ ހަމަ ރަނގަޅު ސިފަތަކެއްގެ ގޮތުގައެވެ.
އަދި މާޒީގައި ފާފައެއް ނުވަތަ ނުބައި އަޚްލާޤީ ސިފައެއް ކަމުގައި ބެލެވުނު ކަންކަން، މުޖުތަމަޢުން އެއީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގަތް ކަމުގައިވީނަމަވެސް، އަބަދަށްޓަކައި އެކަންކަން ދެމިއޮންނާނީ ހަމަ އެގޮތުގައެވެ. އަޚްލާޤީ ނިޒާމަކީ ސަގާފީ އާދަކާދަތަކުގެ ސަބަބުން ބަދަލުވާ އެއްޗެއް ނޫނެވެ. ސަބަބަކީ، ބަލައިގަނެވޭނެ ކަންކަމާއި ބަލައިނުގަނެވޭނެ ކަންކަން ކަނޑައަޅުއްވަނީ ﷲ ކަމުގައިވާތީއެވެ.
އީމާންކަމާއި، އަޅުކަމާއި، އަދި އަހަރެމެންގެ ދިރިއުޅުމުގެ އެންމެހައި ކަންކަމުގެ މުހިންމުކަން ބަޔާންކޮށްދީފައިވާ ފަދައިން، މާތްވެގެންވާ ކީރިތި ޤުރުއާނުގައި ރީތި އަޚްލާޤުގެ މުހިންމުކަން ވަރަށް ތަފްޞީލުކޮށް އަދި ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ.
މާތްވެގެންވާ ކީރިތި ޤުރުއާނުގައި ރީތި އަޚްލާޤީ ގިނަ ކަންތައްތަކެއް ތަކުރާރުކޮށް ބަޔާންކޮށްފައިވެއެވެ. މިސާލަކަށް:
މައިންބަފައިންނަށް އެންމެ ހެޔޮގޮތުގައި ކަންތައް ކުރުން
ތިމާގެ މީހުންނާއި އަވަށްޓެރިންނަށް ހެޔޮކޮށް ހިތުން
ޔަތީމުންނާއި ފަގީރުންނަށް އަޅާލުން
ތެދުވެރިވުން
ހުރިހާ ނިޔަތެއްގައި އިޚްލާޞްތެރިވުން
ވަޢުދުތައް ފުއްދުން
ހުރިހާ އެންމެންނާ މެދުވެސް އިންޞާފުން ކަންތައް ކުރުން
މާތްވެގެންވާ ކީރިތި ޤުރުއާނުގައި އަޅުގަނޑުމެން ހިނގާބިނގާވެ އުޅެންވީ ގޮތްވެސް އުގަންނައިދީފައިވެއެވެ. މާތް الله ވަހީކުރައްވާފައިވެއެވެ (މާނައީ): "އަދި ކަލޭގެފާނު ހިނގުމުގައި މެދުމިންވެލައްވާށެވެ..." [ލުޤުމާން: 19]. އަދިވެސް މާތް الله ވަހީކުރައްވާފައިވެއެވެ (މާނައީ): "އަދި ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންނަކީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާބިނގާވެ އުޅޭ މީހުންނެވެ. އަދި ޖާހިލުން އެއުރެންނާ މުޚާތަބުކޮށް (ނުބައިބަސް) ބުނާހިނދު، އެއުރެން ސަލާމް އޭ ބުނެއެވެ (އެބަހީ: އަމާންކަމުގެ ބަސް ބުނެއެވެ)." [އަލްފުރުޤާން: 63].
އެއްބަޔަކު އަނެއްބަޔަކަށް ޒިޔާރަތްކުރުމުގެ ރިވެތި އަދަބުތައްވެސް ކީރިތި ޤުރުއާނުގައި ބަޔާންކޮށްދީފައިވެއެވެ. މާތް الله ވަހީކުރައްވާފައިވެއެވެ (މާނައީ): "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް، އެގޭގެ މީހުންގެ ކިބައިން ހުއްދަ ހޯދައި، އަދި އެގޭގެ މީހުންނަށް ސަލާމް ކޮށްފުމަށްދާންދެން ނުވަންނާށެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެއީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ." [އައްނޫރު: 27].
މަޖިލިސްތަކުގައި އުޅެންވީ ގޮތްވެސް ޤުރުއާނުގައި އުގަންނައިދީފައިވެއެވެ. މާތް الله ވަހީކުރައްވާފައިވެއެވެ (މާނައީ): "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މަޖިލިސްތަކުގައި ތަންދޭށޭ ތިޔަބައިމީހުންނަށް ބުނެފިނަމަ، ތިޔަބައިމީހުން ތަންދޭށެވެ! އޭރުން الله ތިޔަބައިމީހުންނަށް ތަނަވަސްކަން ދެއްވާނެތެވެ..." [އަލްމުޖާދަލާ: 11].
އަޅުގަނޑުމެން ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުތަކާއި އަމަލުފުޅުތަކަށް ފުރިހަމައަށް އަމަލުކުރާނަމަ، ކެއުމާއި، ބުއިމާއި، ހެދުން އެޅުމާއި، ނިދުމާއި، ދަތުރުފަތުރު ކުރުމާއި، ސަލާމް ކުރުމާއި، ހުއްދަ ހޯދުމާއި، އަދި ކިނބިހި އެޅުމާއި ކާފަ އެޅުން ފަދަ ކުދިކުދި ކަންކަމުގައިވެސް އުނގެނެންވީ އެތައް ފިލާވަޅުތަކެއް ވާކަން އެނގިގެންދާނެއެވެ.
އެހެނިހެން އަޚްލާޤީ ނިޒާމުތަކާ ޚިލާފަށް، އިސްލާމްދީނުގެ އަޚްލާޤީ ނިޒާމަކީ ވަރަށް ތަފްސީލީ އަދި ފުރިހަމަ ނިޒާމެކެވެ. އިންސާނާގެ ދިރިއުޅުމުގެ ކޮންމެ ކަމަކަށް، އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައި ވިޔަސް އިސްލާމްދީން އިރުޝާދު ދެއެވެ. އެއީ ފުރިހަމަ ނިޒާމެކެވެ - އޭގައި އުނިވެގެން ފުރިހަމަކުރަންޖެހޭ ކަމެއް ނުވަތަ އިސްލާހުކުރަންޖެހޭ އައިބެއް ނުވެއެވެ.
އިސްލާމްދީނަކީ ފަރުދުންނާއި، މުޖުތަމައާއި، މުސްލިމުންނާއި ޣައިރު މުސްލިމުންނާ މެދު އޮންނަންޖެހޭ އަޚްލާޤީ މިންގަނޑުތައް ބަޔާންކޮށްދޭ ދީނެވެ. ވެރިންނާ މެދު ކަންތައް ކުރަންވީ ގޮތާއި، އިލްމުވެރިންނަށް އިހުތިރާމް ކުރަންވީ ގޮތްވެސް އެ ދީން އުގަންނައިދެއެވެ. އަދި އަމާންކަމުގެ ވަގުތުގައާއި ހަނގުރާމައިގެ ވަގުތުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދުވެސް އިސްލާމްދީން ދެއެވެ.
އެންމެ ފަހުން ޖަނަވާރުންނާ މެދު އަމަލުކުރަންވީ ގޮތުގެ އިރުޝާދުވެސް އިސްލާމްދީނުގައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ: "ޖަނަވާރުންނާ މެދު ކަންތައް ކުރުމުގައި الله އަށް ބިރުވެތިވާށެވެ. އެ ތަކެއްޗަށް ސަވާރުވީ ކަމުގައި ވިޔަސް ނުވަތަ ކެއުމަށްޓަކައި ގެންގުޅޭ އެއްޗެއް ކަމުގައި ވިޔަސް، އެ ތަކެއްޗަށް ރަނގަޅަށް އަޅާލައި ސިއްހަތު ސަލާމަތުން ބައިތިއްބާށެވެ." [އިމާމް އަހުމަދު].
އެހެން ރިވާޔަތެއްގައި ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ: "...އަދި ތިޔަބައިމީހުން (ޖަނަވާރެއް) ކަތިލާނަމަ، އެންމެ ރިވެތި ގޮތުގައި ކަތިލާށެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ ވަޅި ތޫނުކޮށް، އެ ޖަނަވާރަށް ލުއިކޮށްދޭށެވެ (ވޭން ކުޑަކުރުމަށްޓަކައި)." [އިމާމް މުސްލިމް].
އެއްފަހަރަކު އަސްހާބު ބޭކަލުން ރަސޫލާ صلى الله عليه وسلم އަށް ދެންނެވިއެވެ: "އަޅުގަނޑުމެން ޖަނަވާރުންނަށް ހެޔޮކޮށް ހިތުމުން އަޖުރު ލިބޭނެތޯއެވެ؟" ހަދީޘްކުރެއްވިއެވެ: "އާނއެކެވެ، ކޮންމެ ދިރޭ ފުރާނައަކަށް ހެޔޮކޮށް ހިތުމުގައިވެސް އަޖުރުވެއެވެ." [އިމާމް އަލްބުޚާރީ އަދި އިމާމް މުސްލިމް].
އިސްލާމްދީނުގެ އަޚްލާޤީ ނިޒާމާ އެއްވަރުގެ އެހެން އެއްވެސް ނިޒާމެއް ނުވެއެވެ. އިންސާނުންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި އަމަލުކުރަންވީ ގޮތް އުގަންނައިދޭ މިފަދަ ފުރިހަމަ ނިޒާމެއް ލެއްވޭނީ ހަމައެކަނި މަތިވެރި ހިކުމަތުގެ ވެރި الله އަށެވެ. އެއީ އިސްލާމްދީނަކީ އިންސާނުން ހަދާފައިވާ ނިޒާމެއް ނޫން ކަމަށްވާތީއެވެ؛ އެއީ الله ގެ ދީނެވެ.އެކަލާނގެ އެ ދީން ފުރިހަމަކުރައްވައި، އެކަތިގަނޑަކަށް ކުރެއްވިއެވެ. އެފަދަ ފުރިހަމަ ނިޒާމެއް އެއްވެސް އިންސާނަކަށް ނުގެނެވުނެވެ، އަދި ނުގެނެވޭނެއެވެ، އަދި ދުވަހަކުވެސް ނުގެނެވޭނެއެވެ. ކާމިޔާބު އަދި އުފާވެރި ދިރިއުޅުމެއް ބޭނުންނަމަ، ހަމައެކަނި ތިބާގެ ދިރިއުޅުމުގައި އިސްލާމްދީން ތަންފީޛުކުރާށެވެ. ހަމަކަށަވަރުން، އެ ތަފާތު ތިބާއަށް ސާފުކޮށް އިހުސާސްކުރެވޭނެއެވެ. އަދި މަޑުމަޑުން އޭގެ ފުރިހަމަ ނަތީޖާތައް ފެންނަން ފަށާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!