ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ޤައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން، ޤައުމަށް ވަފާތެރި އަދި ޤާބިލް ދިވެހި ދަރީންތަކެއް ބިނާކޮށްދިނުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޮންމެ އައު އަހަރެއްގެ ފެށުމަކީ ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް ތިމާ އުފަންވި ޤައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްކަން ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމު އައުކުރުމުގެ ވަގުތެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ފެށުނު އަހަރަކީ ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ އަހަރުކަމަށްވާތީ، މިއީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީޚީ މުނާސަބާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހީންނަކީ އަބަދުވެސް އެއް އަހަރަށްވުރެ އަނެއް އަހަރު ކުރިއެރުން ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ ބައެއް ކަމަށެވެ.

"ޤައުމުގެ ތަމައްދުނާއި ތަރައްޤީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް، ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ދިވެހީން ހިންމަތްކުރަމުން ދިޔަ،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ނުކުމެ ހިންދެމިލާނެ ޤައުމަކަށް ހެދުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބީތަކެއް ހޯދުމަކީ ސަރުކާރުގެ މުހިންމު މަޤްޞަދެއް ކަމަށެވެ. އަދި މި މަސައްކަތުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނީ އެއް ރޫޙެއްގައިކަމުގެ ޔަޤީންކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، ޤައުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ބަރަކާތް ލެއްވުމަށާއި، ދިވެހިރާއްޖެއަކީ އަހަރަކަށްވުރެ އަހަރެއް ވިޔަވަތި، އުފާވެރި އަދި ރޯޝަން ޤައުމެއްގެ ގޮތުގައި ދެމެހެއްޓެވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.