ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އިޖުތިމާޢީ ރައްކާތެރިކަމާއި ޞިއްޙީ ދާއިރާއާ ގުޅުންހުރި މުހިއްމު ފަސް ޕްރޮގްރާމެއް ސަރުކާރުން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމްތައް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އާއި ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

Ad
rt

މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ ތެލަސީމިއާ ކުދިންނަށް މަހަކު 2,000 ރުފިޔާގެ އެލަވަންސެއް ދޭން ފެށުމެވެ. މި އެލަވަންސް އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދޭން ފަށާނެ ކަމަށް ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.

މީގެ އިތުރުން، ޕްރައިވެޓް ކްލިނިކްތަކުންނާއި ހޮސްޕިޓަލްތަކުންދޭ ހުރިހާ ތެރަޕީ ހިދުމަތަކަށް އާސަންދަ ލިބޭނެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

ޞިއްޙީ ދާއިރާއަށް ގެނެވުނު އަނެއް ބޮޑު ބަދަލަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ގޮތަށް ހަމަޖެއްސުމެވެ. އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން، ފިލިޕީންސްގައި ދިރިއުޅޭ ފަރާތްތަކަށް "މެރަނާ ސްކީމް" މެދުވެރިކޮށް ބޭސްފަރުވާގެ ޚަރަދުގެ 65 އިންސައްތަ ސަރުކާރުން ހަމަޖައްސައިދޭ ގޮތަށް ވަނީ ނިންމާފައެވެ.

އިޖުތިމާޢީ ދާއިރާއިން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސްވެސް ވަނީ ބޮޑުކޮށްފައެވެ. މި ބަދަލާއެކު ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން، ހަތަރު ކުދިންނާ ހަމައަށް، ޖުމްލަ 12,000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވި ގޮތުގައި މިހާރުވެސް ޖުމްލަ 2,895 އެކަނިވެރި މައިންނާއި ބަފައިންނަށް މި އެލަވަންސް ދެމުންދެއެވެ. މީގެ ދަށުން ގާތްގަނޑަކަށް 4,940 ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވެމުންދާނެއެވެ.

މި ޕްރޮގްރާމްތަކަކީ ރައްޔިތުންގެ އިޖުތިމާޢީ އަދި ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅާފައިވާ މުހިއްމު ފިޔަވަޅުތަކެކެވެ.