ދިވެހި ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑަށް ބަދަލުގެނެސް، ސިވިލް ސާވިސްގެ ގަވާއިދު 2014 އަށް އިސްލާހު ގެނެސްފިއެވެ.

މި އިސްލާހުގައި ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތްތައް ވަކިވަކިން ވަނީ ބަޔާންކޮށްފައެވެ.

Ad
rt

އަންހެން މުވައްޒަފުންގެ ހެދުމުގެ މިންގަނޑު

އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން، ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވިދާނެއެވެ. މި ހެދުންތައް ހުންނަންވާނީ ފައިގެ ތަނބިކަށްޓަށްވުރެ ކުރުނުވާ ގޮތަށެވެ. އަދި ފަޓުލޫނު ނުވަތަ ހަރުވާޅު ބޭނުންކުރާނަމަ އެއީ އޮފީސް މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗަކަށް ވާންޖެހެއެވެ.

ހެދުމުގެ ކަރުވަޅު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފުނުވާ ގޮތަށް ނިވައިވާ ގޮތަށެވެ. އަތްކުރު ހެދުމެއްނަމަ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށްވުރެ ކުރުވެގެން ނުވާނެއެވެ. އަދި ހެދުމުގެ މަތީބައި ފަޅާފައި ހުންނަނަމަ، މައްޗަށް އަތް ދަމާލުމުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ހުންނަންވާނެ ކަމަށް ގަވާއިދުގައިވެއެވެ. މީގެ އިތުރުން، އޮފީހަށް ހާޒިރުވާންވާނީ ސާފުތާހިރުކޮށް ކަމަށާއި، ގަހަނާ އެޅުމާއި މޭކަޕްކުރުން ހުއްދަ ނަމަވެސް، އިސްތަށިގަނޑުގައި ފާޅުކަން ބޮޑު ކުލަޖެއްސުމާއި ހައިލައިޓްކުރުން ވަނީ މަނާކޮށްފައެވެ.

ފިރިހެން މުވައްޒަފުންގެ ހެދުމުގެ މިންގަނޑު

ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ބޭނުންކުރެވިދާނެއެވެ. އަތްދިގު ގަމީހެއްނަމަ އަތުގެ ކުޑަހުޅާ ހަމައަށް ހުންނަންޖެހޭއިރު، އަތްކުރު ގަމީހެއްނަމަ އުޅަނބޮށްޓަށްވުރެ ދެ އިންޗި ކުރުވެގެން ނުވާނެއެވެ.

ފިރިހެން މުވައްޒަފުން ފަޓުލޫނުގެ ގޮތުގައި ބޭނުންކުރަންވާނީ އޮފީސް މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ ދިގު ފަޓުލޫނެވެ. އަދި ހުރިހާ މުވައްޒަފުންވެސް ރަސްމީ މަސައްކަތުގައި އުޅޭއިރު ތިބެންވާނީ އޮފީސް ބޫޓުގައި ނުވަތަ އެކަށީގެންވާ ފައިވާނެއްގައެވެ.

މި އާ އުސޫލުތަކަކީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މެދުގައި އެއް މިންގަނޑަކުން ހެދުން އެޅުމުގެ އާދަ އަށަގަންނުވައި، އޮފީސް މާހައުލުގެ އަދަބުތައް ހިފެހެއްޓުމަށް ގެނެވުނު ބަދަލުތަކެކެވެ.