ދިވެހިރާއްޖޭގައި މުޅިން އަލަށް ބިނާކުރި ދެ މިސްކިތެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ހުޅުވާފައިވަނީ ހުޅުމާލެ ފޭސް 2 ގައި ބިނާކުރި މިސްކިތަކާއި އައްޑޫ ސިޓީ މަރަދޫގައި ބިނާކުރި މިސްކިތެކެވެ.

Ad
rt

ހުޅުމާލެ ފޭސް 2 ގައި އަލަށް ޢިމާރާތް ކުރެވުނު މަސްޖިދުލްއީމާން ރަސްމީކޮށް ހުޅުވާފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހުގައެވެ. ތިން ފަންގިފިލާއަށް ޢިމާރާތްކޮށްފައިވާ މި މިސްކިތަކީ 1200 މީހުންގެ ޖާގަ ހިމެނޭ މިސްކިތެކެވެ. މި މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒުއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ މަރަދޫގައި ސަރުކާރުގެ ޚަރަދުގައި ޢިމާރާތްކުރި މަސްޖިދުއްރައްޔާން ވެސް މިއަދު ވަނީ ހުޅުވާފައެވެ. 500 މީހުންގެ ޖާގަ ހިމެނޭ މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުއެވެ. މިސްކިތް ހުޅުވުމަށްފަހު މިއަދުގެ ހުކުރު ޚުޠުބާ ދެއްވީ ވެސް ސްޓޭޓް މިނިސްޓަރެވެ.

މި ދެ މިސްކިތް ހުޅުވުމާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ މއަދު ރާއްޖޭގައި އަލަށް ދެ މިސްކިތް ހުޅުވިގެން ގޮސްފައިވާކަން ފާހަގަކުރަށްވާފައެވެ. އަދި މިއީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް އިއުލާން ކުރި 15 މިސްކިތުގެ ތެރެއިން 5 އަދި 6 މިސްކިތްކަން ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެއެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ ދާއިމީ 4 މިސްކިތަކާއި އަތޮޅުތަކުގައި ބިނާކުރާ ގިނަ މިސްކިތްތަކެއް ހިމެނެއެވެ.