މިއަދު އަޅުގަނޑުމެން ދިވެހިން ހަނދާން ކުރަންވީ ސުނާމީ ކާރިސާއަށްފަހު ދިވެހިން ދެއްކި އެއްބައިވަންތަކަމާއި، އެއް ގައުމެއްގެ ގޮތުގައި ގުޅިގެން ހިތްވަރާއެކު ދިރިއުޅުން އާރާސްތުކުރި ގޮތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، ދިވެހީންގެ ގައުމީ ހަޔާތުން ފެންނަން އޮތް އެންމެ ރީތި އެއް ސިފައަކީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި ހާލަތެއްގައިވެސް އިސްކުރާ އެއްބައިވަންތަކަން ކަމަށެވެ. އަދި އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ތިބެ ގައުމު ސަލާމަތްކުރުމުގައި ދިވެހިން ދުނިޔެއަށް ނަމޫނާ ދައްކަމުންދާތާ އެތައް ސަތޭކަ އަހަރެއް ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
rt

ސުނާމީގެ ހިތްދަތި ހާލަތުން އަރައިގަތުމުގައި ދިވެހިން އަމަލުކުރީ އިސްލާމީ ރިސާލަތުން އިބުރަތް ލިބިގަނެ، "އެއް ހަށިގަނޑެއްގެ" މިސާލުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިވުމާއި، އެއް ރަށުން އަނެއް ރަށަށް ބަދަލުވާންޖެހުނު އާއިލާތަކަށް ދިވެހިން ދެއްކި މެހުމާންދާރީއަކީ މިއަދުވެސް ނަމޫނާއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ސުނާމީ ކާރިސާއިން ލިބުނު ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކޮންމެ ހާލަތެއްގައިވެސް މާތްﷲއަށް ވަކީލުކުރުމާއި، ކުއްލި ހާލަތްތަކަށް އަބަދުވެސް ތައްޔާރުވެ ތިބުމުގެ މުހިންމުކަން އެ ހާދިސާއިން ދަސްވި ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް އެކުލަވާލުމާއި ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމުގެ މަންފާވެސް އެނގިގެންދިޔަ ކަމަށް ވިދާޅުވިއެވެ.

އެއްބައިވަންތަކަމަކީ ގައުމެއް ކުރިއަރައި ދިއުމުގެ ބިންގާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދޯންޏެއް ފެންމަތީގައި އޮތުމަށްޓަކައި އޭގެ މަޑޫތައް ބަދަހިކޮށް ހުންނަންޖެހޭ ފަދައިން، ގައުމުގެ ހުވަފެންތައް ހަގީގަތަކަށް ހަދައި ތަރައްގީ ހޯދުމަށް ހުރިހާ ފަރުދުންގެ އެއްބައިވަންތަކަން ބޭނުންވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ހަނދާން ކުރަންވީ ސުނާމީއަށްފަހު އަޅުގަނޑުމެން ދިރުވި އެއްބައިވަންތަކަމެވެ. އެއްޤައުމެއްގެ ގޮތުގައި ގުޅިގެން، ހިތްވަރާއި ހިނިތުންވުމާއެކު އާރާސްތުކުރި ދިރިއުޅުމެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ،" ރައީސްގެ ހިތާބު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

2004 ވަނަ އަހަރު ޑިސެންބަރުން 26 ވަނަ ދުވަހު ދިވެހީންގެ މި ޖީލު ދުށް ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވިތާ މިއަދަށް 21 ވަނީ ފުރިފައެވެ.