ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން، ޑިސެންބަރު 9 ވަނަ ދުވަހުން ފެށިގެން 21 ޑިސެމްބަރާއި ހަމައަށް 83 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މަސާޖު ޕާލާގެ މައްސަލައަކީ މުޅި މާލެ ސަރަހައްދަށް ދިމާވެފައިވާ ބޮޑު އިޖުތިމާޢީ މައްސަލައެއް ކަމަށާއި، މިކަމަށް ސަރުކާރުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.

''އަޅުގަނޑުމެންގެ ވަރަށް ނޭދެވޭ ގޮތަށް ހިނގާކަމެއް ސެލޫންތަކުގެ ނަމުގައި މަސާޖު ޕާލާތައް ގާނޫނާއި ގަވާއިދާ ޚިލާފަށް ދީނީ ހަމަތަކަށް އެއްގޮތަކަށް ވެސް ނުފެތޭ ގޮތަށް ހިންގަމުންދާ ތަންތަނުގެ ވާހަކަ، މިއީ ހުރިހާ ސަރުކާރަކުން ވަރަށް ސީރިއަސްކޮށް ނަގާކަމަށް ބުނާކަންކަން، އެތަންތަނަށް ގޮސް ބަންދުކުރާ ވާހަކަ އަޑުއިވޭކަންކަން، ދުވަހަކުވެސް މަދެއްނުވޭ ވިއްޔާ ވަނީ ގިނަ، މިވާހަކަ ވަރަށް ގިނަ ރައްޔިތުން ފާހަގަކުރަށްވައި، މަޝްވަރާ ބައްދަލުވުންތައް ފެށުނުފަހުން ލިބުނު ކަންބޮޑުވުންތަކަށް ރިއާއަތްކުރުމުގެ ގޮތުން އާ ފޯކަސްއެއް ނޫނީ އިތުރު ހިތްވަރެއްލައިގެން ކަމާގުޅޭ ތިން އިދާރާއާއެކު، އިކޮނޮމިކް މިނިސްޓްރީ، އިމިގްރޭޝަން، ފުލުހުން ގުޅިގެން ޓާސް ފޯހަކުން ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ގެންދަންފެށީ 9 ޑިސެމްބަރު، 9 ޑިސެމްބަރުން 21 ޑިސެމްބަރަށް މިވީ ދުވަސްކޮޅުތެރޭގައި 83 މަސާޖުޕާލާ ބަންދުކޮށްފިން'' ރައީސް ވިދާޅުވިއެވެ.

ބަންދުކުރެވުނު މަސާޖު ޕާލާގެ އަދަދަކީ ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ނެތް މިންވަރެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރުން މިފަދަ ތަންތަން ބަންދުކުރުމަށް ފަށާފައިވާ މަސައްކަތަކީ ރައްޔިތުންގެ ޝުޢޫރުތަކަށް އިޖާބަދިނުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މީގެ އިތުރުން މަސާޖު ޕާލާތަކުން ހައްޔަރުކުރެވޭ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ފާއިތުވި 3 ހަފްތާ ތެރޭ 56 ވިޔަފާރި ބަންދުކުރެވިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.