ދިވެހި ބަހުން ފޮތް ލިޔާ ލިޔުންތެރިންނަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ، ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ދިވެހި ބަހުގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ، ދިވެހީން ދިވެހީންނަށް ވެފައިވަނީ ދިވެހި ބަހުގެ ސަބަބުން ކަމަށެވެ. އެގޮތުން، ދިވެހިބަސް އެއްޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ކުޑަކުދީންނާއި، ޒުވާނުންނާއި އަދި އެ ނޫންވެސް ފަރާތްތަކަށް ބޭނުންވާ ދިވެހި ފޮތްތައް ލިޔެ ޗާޕުކުރެވުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، ފޮތް ޗާޕުކުރުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން ފޮތް ލިޔުއްވުމުގެ މަސައްކަތަށް ވަރަށް ބޮޑެތި ހުރަސްތައް އެބަހުރި ކަމުގެ ކަންބޮޑުވުން އެތައް ބޭފުޅުންނެއް ފާހަގަކުރައްވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މިއީ ޤައުމީ މައްސަލައެއް ކަމަށާއި، އަދި ''މިއީ، އަޅުގަނޑު އަޅާނުލައި ދޫކޮށްލާނެކަމެއް ނޫން'' ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި މާދަރީބަސް ޅަދަރީންނަށާއި ޒުވާނުންނަށް ފޯރާނެ މަގުތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ ކަމަށެވެ.

''ކުޑަކުދީންނަށާއި، ޒުވާނުންނަށާއި އަދި އެ ނޫންވެސް ފަރާތްތަކަށް ބޭނުންވާ ދިވެހިބަހުގެ ފޮތްތައް ލިޔުއްވަން ބޭނުންފުޅުވާ އަދި މިހާރުވެސް އެ މަސައްކަތްކުރައްވާ އެތައް ބޭފުޅުންނެއްވެސް އެބަ ތިއްބެވި. ނަމަވެސް ފޮތް ޗާޕުކުރުމުގެ ޚަރަދުބޮޑުވުމުގެ ސަބަބުން އެ މަސައްކަތަށް ވަރަށް ބޮޑެތި ހުރަސްތައް އެބަހުރި ކަމުގެ ކަންބޮޑުވުން އެތައް ބޭފުޅުންނެއް ފާހަގަކުރައްވާ. މިއީ، ޤައުމީ މައްސަލައެއް. މިއީ، އަޅުގަނޑު އަޅާނުލައި ދޫކޮށްލާނެކަމެއް ނޫން.'' ރައީސް ވިދާޅުވެފަވެއެވެ.

އެހެންކަމުން ދިވެހިބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ކުރިޔަށް އޮތް ތާނގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.