ދަންވަރު މާލޭގެ އާންމު ތަންތަނުގައި އުޅޭ ބިދޭސީންނާއި ޗެކްކުރުމުގެ އޮޕަރޭޝަނެއް މިރޭ ފަށަން އަންގަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ މީސްމީޑިއާ މެދުވެރިކޮށް އާންމުކުރެއްވި މެސެޖެއްގައެވެ.
ރައީސް ވިދާޅުވެފައިވާގޮތުގައި، ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާތީ އެކަމުން މުޖުތަމައު ރައްކާތެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފެށުމަށް ވަނީ ނިންމަވާފައެވެ.
މިގޮތުން ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުންއަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅުއެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައިކަމަށް ރައީސް ވިދާޅުވެފަވެއެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ފަރާތުން ނުކުންނަ މައްސަލަތައް ގައީ ބޮޑު މައްސަލައަކަށްވެފައިވާއިރު، ކުށްކުރުމުގައި ވެސް ބިދޭސީން ބައިވެރިވުން ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި ބިދޭސީންނާއި ބިދޭސީން ގުޅިގެން ހިންގާ ކުށްތަކާއި ކުށްކުރާ ދިވެހިންނާއި ގުޅިގެން ބިދޭސީން ކުރާ ކުށްތައް ވެސް ހިމެނެއެވެ.
ރޭގަނޑު ދަންވަރު ގަޑީގައި ބިދޭސީންގެ ފުށުންފެސް ސައިލެންސަރ އަޑުގަދަކޮށް ބާރު ސްޕީޑްގައި ސައިކަލް ދުއްވުމާއި، އެބައި މީހުންގެ ގްރޫޕްތަކުގެ މެދުގައި ހަމަނުޖެހުން ހިންގުމާއި، އެހެނިހެން ކުށްތަކަށް އަރައިގަންނަތަން ފެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!